އިންޑިއާގެ ހެއްވާ މަޖާ ޝޯ ހުށަހަޅައިދޭ މުސްލިމަކު އޭނާ ނުކިޔާ ޖޯކެއްގެ ސަބަބުން ހަފުތާތަކަކަށް ޖަލުގައި ބަންދުކޮށްފިއެވެ. އިންޑިއާގެ މަދުޔާ ޕްރަދޭޝްގެ ޖަލުގައި 25 ދުވަހަށް ބަންދު ކުރެވުނީ އިންޑިއާގެ ހެއްވާ މަޖާ ސްޓޭޖް ޝޯ ހުށަހަޅައިދޭ މުނައްވަރު ފާރޫގީއެވެ. ފާރޫގީއަށް ތުހުމަތު ކުރެވުނީ އޭނާ ހުށަހަޅައިދެމުން ގެންދިޔަ ޝޯއެއްގައި ހިންދޫންގެ ކަލާނގެތަކަކަށް ޖޯކު ކިޔަންއުޅޭކަމަށެވެ. ބޮންބޭގައި ދިރިއުޅޭ ފާރޫގީއާއި ދެކޮޅަށް އިންޑިއާގެ ދެސްޓޭޓަކުން ވަނީ ދައުވާ ކޮށްފައެވެ. ނަމަވެސް، އޭނާ ހައްޔަރު ކުރެވުނީ ސްޓޭޖް ޝޯއެއް ކުރިއަށް ގެންދަނިކޮށް މަދުޔާ ޕްރަދޭޝްގެ އިންދޯރު ޕޮލިހުންނެވެ. މަދުޔާ ޕްރަދޭޝްގެ އިތުރުން އަވަށްޓެރި އުއްތަ ޕްރަދޭޝްއިން ވެސް ދަނީ އޭނާއާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އުއްތަ ޕްރަދޭޝްއިން ފާރޫގީ އާއި ދެކޮޅަށް ކުރާ ތުހުމަތަކީ ހިންދޫ ކަލާނގެތަކަށް ކުޑައިމީސްކުރުމުގެ އިތުރުން އިންޑިއާގެ ފޮރިން މިނިސްޓަރު އަމިތު ޝާހަށް ކުޑައިމީސްކުރުމެވެ.
މުނައްވަރު ފާރޫގީ ޖަލުގައި 25 ދުވަސް ހޭދަކުރުމަށްފަހު ކަފާލާތުގެ ދަށުން މިހާރު މިނިވަންވެފައިވީ ނަމަވެސް، ފާރޫގީގެ ލޯޔަރުން ދަށު ކޯޓުތަކަކަށް ތަކުރާރުކޮށް ދެފަހަރަށް އޭނާ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ހުށަހެޅި ނަމަވެސް އެދެ ހުށަހެޅުންވެސް ވަނީ ގަބޫލުނުކޮށްފައެވެ. ނަމަވެސް، ހައިކޯޓަށް ހުށަހެޅުމުން 15 މިނިޓުވެސް ހަމަނުވާ އަޑު އެހުމަކަށްފަހު ފާރޫގީ ވަނީ ދޫކޮށްލާފައެވެ. ފާރޫގީ އާއި ދެކޮޅަށް ދައުވާކުރާ ދެސްޓޭޓަކީވެސް އިންޑިއާގެ ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ބީޖޭޕީއިން ވެރިކަމުން ކުރަމުންދާ ދެ ސްޓޭޓެކެވެ. އަދި އަމިތު ޝާހަކީ ހައްދުފަހަޅާފައިވާ ބީޖޭޕީގެ ޚާރިޖީ ވަޒީރެވެ. މީގެ އިތުން ގުޖުރާޓު ސްޓޭޓުގައި މުސްލިމުންނާއި ދެކޮޅަށް ހިންދޫން ހިންގި ލާއިންސާނީ ހަރުކަށި އަމަލު ހިންގިއިރު އެސްޓޭޓްގެ ހޯމް މިނިސްޓަރަކީ އަމިތް ޝާހެއެވެ. އަދި އެސްޓޭޓްގެ ޗީފު މިނިސްޓަރަކީ މިހާރުގެ ބޮޑު ވަޒީރު މޯދީއެވެ.
ފާރޫގީ ހައްޔަރުކޮށްފައިވަނީ ހެކި ހުރެގެން ކަމަށް އިންދޯރުގެ ފުލުހުން ހާމަކުރި ނަމަވެސް ފުލުހުން ފަހުން ބުނެފައިވަނީ ފާރޫގީ އުޅުނީ ހިންދޫ ކަލާނގެތަކަށް ކުޑައިމީސްކޮށް ޖޯކު ކިޔަން ކަމަށެވެ. ނަމަވެސް، ފުލުހުންނަކަށް އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާކަމަށް ފާރޫގީގެ ލޯޔަރާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކުރެއެވެ.
އިންޑިއާގެ ވެރިކަމާއި ކަނާތުފިޔައިގެ ހައްދު ފަހަނަޅާފައިވާ ބީޖޭޕީ ހަވާލުވުމާއިއެކު އިންޑިއާގެ މުސްލިމުންނަށް އެތަކެއް ދުއްތުރާތަކެއްދަނީ ކުރަމުންނެވެ. މުސްލިމުންގެ އިތުރުން، އިންޑިއާގެ ހެއްވާ މަޖާ ޝޯތަށް ހުށަހަޅާ ފަރާތްތަކަށްވެސް ދަނީ ތަފާތު އިންޒާރުތައް ލިބެމުންނެވެ. އިންޑިއާގެ މިހާރު ގެ ބޮޑު ވަޒީރު މޯދީ އާއި ބީޖޭޕީގެ އަމާޒަކީ އިންޑިއާގެ ކަނާތުފިޔައިގެ ވަތަނީ ޖަމިއްޔާ އާރުއެސްއެސް ފަދައިން އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ގައުމެއްގެ ގޮތުގައި ބޭއްވުމެވެ.
ޚިޔާލުތައް