ރައްޔިތުންގެ މަޖުލީހަގެ ބައި-އިލެކްޝަނުގެ ޕްރައިމަރީ އެއްގެ އިންތިޒާރުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ނިސްބަތްވާ ޕީޕީއެމްގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި އަޑުއުފުލަން ފަށައިފިއެވެ. ޕީޕީއެމްގެ ޕްރައިމަރީއަށް ޝައުގުވެރިވާ ފަރާތަކުންނާއި އެފަރާތްތަކުގެ ސަޕޯރޓަރުން ވަނީ ވައިބާރ އަދި ފޭސްބުކު ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކެމްޕޭން ގުރޫޕަ ހަދައިފައެވެ. އަދި އެޕާޓީގެ ޓިކެޓް ލިބޭތޯ ލޮބީކުރުމާއި ތާއިދު ހޯދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ.
ޕީޕީއެމްގެ ސަޕޯރޓަރުން ހާމަކުރާ ގޮތުގައި، އިލެކްޝަނސް ކަމިޝަނުން ހުސްވެފައިވާ ކަމަށް ބުނާ ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ބައި-އިލެކްޝަން މި ޖެނުއަރީ މަހު ފަހުކޮޅު ޢިއުލާން ކުރާނެ އެވެ. އަދި އިންތިޚާބު އަންނަ މާރޗު މަހުގެ ކުރިން ބާއްވާނެއެވެ. އެޕާޓީގެ ގިނަބަޔަކު ޕްރައިމަރީ އެއް ބޭއްވުމަށް އެދި އަޑު އުފުލަމުން ދާއިރު އެއްބަޔަކު ބުނަމުން ދަނީ އެމީހުން ތާއިދުކުރާ ފަރާތަށް ޕްރައިމަރީ އަކާއި ނުލައި ޓީކެޓް ލިބޭނެ ކަމަށެވެ.
ބައި-އިލެކްޝަނުގެ އުއްމީދުގައި މަސައްކަތް ކުރަމުންދާ މީހުނަށް އިދިކޮޅު ޕާތޓީތަކުގެ ސަޕޯޓަރުން ވެސް އަންނަނީ ރައްދު ދެމުންނެވެ. އިދިކޮޅު ޕާޓީތަކުގެ ސަޕޯރޓުން ބުނަނީ ބައި-އިލެކްޝަނުގެ ހުވަފެނަކީ ބިލާހެއް ކަމަށާއި ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ގޮންޑި ހުސް ނުވާކަމަށެވެ. ސްޕްރީމް ކޯޓުން އެފަދަ ހުކުމެއް ނެރެފައި ނުވާ ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ މެންބަރުން ބައި-އިލެކްޝަންގެ ފޯރީގައި އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔައި މެންބަރުކަމަށް ކުފޫ ހަމަނުވާކަމަށް ވެސް އަންނަނީ ބުނަމުންނެވެ. ކޮރަޕްޝަނުގެ އެތައް ތުހުމަތު ތަކެއް އެހެން ފަރާރާތްތަކަށް އަންނަނީ ކުރަމުންނެވެ.
ޕީޕީއެމްގެ ޓިކެޓް ލިބުމަށް އެދި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި، އެންމެ ފުރަތަމަ އަޑު ފެތުރިގެން ދިޔަ ފަރާތަކީ ކުރިން ޚާއްސަ މަޖުލީހުގެ މެންބަރުކަން ކުރެއްވި ފުވައްމުލަކު ދަޑިމަގު މާވައި މުހައްމަދު ވަޖީހު އިބުރާހީމެވެ. އެއިގެ ދުވަސްކޮޅެއް ފަހުން އިތުރު އަޑުތައް ފެތުރިގެން ދިޔައެއެވެ. އެއިގެ ތެރޭގައި ޕީޕީއެމްގެ އިސް ހަރަކާތްރިއެއް ކަމަށްވާ ޚާލިދު އަބްދުﷲ އަލީ އާއި ދަޑިމަގު ޝަރަފު އެވެ. މީގެ އިތުރުން ހޯދަޑަށް ނިސްބަތްވާ ދެ ފަރާތަކުން ވެސް އަންނަނީ މި ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެއީ ހަސަން އަބްދުﷲ ކާމިނީގެ އާއި މުހައްމަދު އަބްދުﷲ ގިނިރާހިގޭ އެވެ. މިފަރާތުން ބުނަމުން ދަނީ މިފަހަރު މިއީ ޕީޕީއެމްގެ ޓިކެޓް ހޯދަޑު ކެނޑިޑޭޓަކަށް ދޭންވާ ފަހަރު ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އަޑު ފެތުރިފައި ވަނީ ކުރިން ވެސް އުތުރު ދާއިރާގެ މަޖުލިސް ގޮނޑި ކާމިޔާބު ކުރެއްވި އަލީ ޝާޙުއެވެ. އިދިކޮޅު ފަރާތްތަކުން ބައި-އިލެކްޝަނަށް މާކަ ބޮޑު ޝައުގުވެރިކަމެއް ފެނިގެނެއް ނުދެއެވެ. އަދި އިތުރު ނަމެއްވެސް ދޫދޫމަތިން ވެސް ކިޔާ އަޑެއް ނީވެއެވެ.



ޚިޔާލުތައް