ހައްގުގެ މަގުގައި ތެދުވެ މަސައްކަތް ކުރުމަށާއި އަނިޔާ ލިބެމުން ދާއިރު ބަލަން ނުތިބެ ހައްގު ހޯދުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖުލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެއިވާ ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެންބަރު އަލީ ޝާހު ގޮވާލައްވައިފިއެވެ. ޝާހު މިހެން ވިދާޅުވީ ރޭ އިދިކޮޅު ފަރާތްތަކުން މއ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖުލީހުގައި ތިބި ޕީޕީއެމަށް ނިސްބަތްވާ މެންބަރުން މިހާރު ވެސް އޭނާއަށް ގުޅުއްވާ ކަމަށާއި އަދި ޝާހުމެން (މެންބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކަމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުން) ހައްގުގެ މަގުގައި ކުރަމުންދާ މަސައްކަތަށް ތައުރީފުކޮށް ސާބަސް ދީފައިވާކަމަށް ވިދާޅުވިއެވެ. އަދި ވަގުތު ޖެހުމުން އެ މެންބަރުން ވެސް ޝާހުމެންނާއެކު މަސައްކަތުގައި ބައިވެރިވާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ޝާހު ހާމަކުރެއްވިއެވެ.
އެގޮތަށް އެދެމުން ދަނީ ހަމައެކަނި މަޖުލީހުގެ މެންބަރުން ނޫން ކަމަށާއި، މިސަރުކާރުގެ ވަޒީފާތަކަށް އައްޔަން ކުރައްވާފައިވާ ސިޔާސީ ފަރާތްތަކުން ވެސް ބުނަމުން އަންނަ ކަމަށް ޝާހު ވިދާޅުވިއެވެ.
ވަރަށް ފޯރިއާއި ޖޯޝުގައި ވާހަކަ ދައްކަވަމުން ޝާހު އިތުރަށް ވިދާޅުވެފައި ވަނީ އޭނާއަކީ ވެސް ކަސްޓަމުސްހައި ގިނަ ދުވަސްތަކަކު ވަޒީފާ އަދާކުރެއްވި ފަރާތެެއް ކަމަށާއި ކަސްޓަމުސްގެ ބޭފުޅުން ވިލާ އޮޕަރޭޝަން ގައި ބައިވެރިވަނީ މަޖުބޫރުކޮށްގެން ކަމަށް ކަމަށެވެ.
ހައްގުގެ މަގުގައި މަސައްކަތް ކުރާކަމަށް ބުނާ ފަރާތްތަކުން، މީހުންނަށް އަނިޔާކުރާއިރު ބަލަން ނުތިބޭނެ ކަމަށާއި އެކަމެއް ހުއްޓުވުމަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެކަމަށް ޝާހު ތަކުރާރު ކުރެއްވިއެވެ. އަދި އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެ މަސައްކަތް ކުރުމަށް ޝާހު ގޮވާލެއްވިއެވެ.



ޚިޔާލުތައް