ސީޔާސި ވާހަކަ ތަކަކީ ތަފާތު ގޮތްގޮތަށް ނިރުލައި ފެތުރޭ ވާހަކަ ތަކެކެވެ. އެގޮތުން ދާދި ފަހުން ޖަޕާނުގެ ޚާރިޖީ ވުޒާރާއިން އާއްމު ކުރި “ޝިން ޔުއާން 18” ގެ ޚަބަރާއެކު ރާއްޖޭގެ ސަރުކާރުން ކެކި އުތުރިގަތީ ސަބަބެއް ނެތިއެއް ނޫނެވެ.
މުޅި ރާއްޖޭގެ މޫނުމަތި ހަޑިކޮށް، ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް ޖަޕާން ފަދަ އެއްވަނަ ދުނިޔޭގެ ގައުމަކުން ފެތުރި “ޒިންމާދާރުކަން ކުޑަ” ޚަބަރަކުން ސަރުކާރުން ވަނީ ‘ރަތަށް’ އަރާ ފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
ރާއްޖޭއިން އ.ދ ގެ ސަލާމަތީ މަޖުލީހުގެ ގޮނޑިއަކަށް ފައި ނަގައިފައި ވަނިކޮށް ދެވަނަ ފަހަރަށް ފައި ވައްޓާލަންޖެހޭ ފަދަ ބޮޑު ގެއްލެއް ދެނިވި ޚަބަރެއް އާއްމު ކުރުމުން ވީ ކަންބޮޑު ވުން ނޫން ބާވައެވެ.
ރާއްޖޭގެ ދަތުރުފަތުރާއި ބެހޭ އިދާރާއިން އިދާރާއިން ވަނީ، ޖަޕާނުގެ ހޫނު ޚަބަރު ދޮގުކޮށް ރާއްޖޭގައި ދުވަހަކު ވެސް އެފަދަ އުޅަދެއް ރަޖިސްޓްރީ ކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި ރައީސް އޮފީހުން ބަޔާން ނެރެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުންކޮށްފައިވާ މައްސަލަ ސީރިއަސް ކަމާއެކު ބަލަމުން އަންނަކަމަށް ވަނީ ހާމަކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އެފަރާތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރު ސަބަބެއް ވެސް އޮތް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެއީ ރައީސް ޔާމީނަށް ތުހުމަތު ކުރެވުނު 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއާއި ދާދި އެއްގޮތަށް ޔާމީނުގެ ވެރިކަމުގައި އެފަދަ ކަމެއް ފެންމަތިވުން ވީ ކަންބޮޑުވުން ވެސް ވަކި ކުޑައެއް ނުވާނެކަމަށް އެފަރާތްތަކުން ދެކެއެވެ.
އެންމެ ފަހުން ޖަޕާނުގެ ފޮރިން މިނިސްޓްރީން މިވަނީ މިހާދިސާއައި ގުޅޭ އިތުރު ތަފުސީލު ވެސް ހާމަކޮށްފައެވެ. އަދި އެކިއެކި މީޑިއާ ތަކުން މިކަމުގެ އަސްލަށް ދިއުމަށް ފީނަން ފެށިއެވެ.
ޝިން ޔުއާން 18 އަށް ދީފައިވާ މޯބައިލް މެރިޓައިމް އައިޑެންޓިފިކޭޝަން ކޯޑު 455123170 އަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާ “ކޭމް” އިން ދޫކޮށްފައިވާ ނަމްބަރެކެވެ. މި ނަމަބަރުގެ ކުރީގައިވާ 455 އަކީ ދިވެހިރައްޖެއަށް ޚާއްސަ ބައިނަލްއަގުވާމީ މެރިޓައިމް ކޮމިއުނިކޭޝަން ކޯޑް ނަމަބަރެވެ.
ނަމަވެސް ސަރުކަރުން ބުނަނީ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮޓެންކަރާއި ދެމެދު ހިންގުނު މުއާމަލާތަކީ ރާއްޖެއާއި އެއްވެސް ގޮތަކުން ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން އ.ދ ގެ ސަލާމަތީ މަޖުލީހުގެ ގަރާރުތަށް ތަންފީޒު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް ވެސް ހާމަކުރިއެވެ.
ދެން ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަރުކާރާއި ޖެހިގަންނަން ވީ ކޮން ކަމަކާ ހެއްޔެވެ؟ ސޯޝަލް މީޑީއާގައި ސަރުކާރަށް ތާއިދު ކުރާ މީހަކު އިދިކޮޅު ސަޕޯޓަރަކަށް ރައްދު ދެމުން ބުންޏެވެ.
“އެއީ ރައީސް ޔާމީނުގެ ސަރުކާރުން މިރާއްޖެއަށް ގެންނަ ތަރައްގީއަށް ހަސަދަވެރި ވާތީ” އެމީހުން ކިޔާ އެއްޗެއް ކަމަށެވެ. އެކަމަށް ހަރުކަށި އަދަބު ދޭނެ ވާހަކަ ސަރުކާރުން ބުނެފައިވާ ކަމަށެވެ.
ސަހަރޯ އެވެ. ޖަޕާނު ސަރުކާރުން ރައީސް ޔާމީނުގެ ސަރުކާރާއި ޖެހިގަތީ ކަމަށް ވެސް ގަބޫލު ކުރެވުނީތީ އަންތަރީހުން ރޯނު ވެށިއްޖެއެވެ.
ކަނު އަނދިރިން ދުނިޔެއަށް ހޭލަން ވެއްޖެއެވެ. ކޮމަންވެލްތުން ރާއްޖެއާއި ޖެހިގެންފިއެވެ. ދެން ޔޫރަޕުގެ ގައުމުތަކެވެ. އެމެރިކާއާއިކެނެޑާ އަދި އޮސްޓްރޭލިއާއެވެ. އެންމެ ފަހުން ޖަޕާނާއި އ.ދ ވެސް އެވެރިންގެ ލިސްޓަށް އަރަނީ ހެއްޔެވެ؟



ޚިޔާލުތައް