ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯލްސެންޓަރެއް ފުވައްމުލައް ސިޓީގައި މިއަދު ހުޅުވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކުރައްވައި ކޯލްސެންޓަރު ހުޅުވައިދެއްވީ ފުވައްމުލައް ސިޓީ މޭޔަރު ފަލާޙު ޝަރީފު އެ ކޯލް ސެންޓަރުގެ 1516 ނަމްބަރަށް ގުޅުއްވައިގެންނެވެ.
މިއަދު ވާޗުއަލްކޮށް ކުރިޔަށްގެންދިޔަ މިބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު އާއި ފުވައްމުލައް ސިޓީ އިސްމުވައްޒަފުންނާއި ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު 3 ދާއިރާގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ފުވައްމުލައް ސިޓީ ގައި އެޗްޑީސީ ކޯލް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތު – ފުވައްމުލައް ސިޓީ
މިކޯލް ސެންޓަރުގެ ޚިދުމަތް ގާއިމުކުރެވިފައި ވަނީ ފުނާޑު އަވަށު އިޖުތިމާއީ މަރުކަޒެއްގެ ގޮތުގައި ބިނާކުރެވުނު އިމާރާތުގައެވެ. މިވަގުތު މިސެންޓަރުގެ ޚިދުމަތް ފެށިގެންދާނީ 3 މުވައްޒަފުންނާއި އެކުއެވެ.
މިކޯލް ސެންޓަރު މެދުވެރިކޮށް އެޗްޑީސީގެ ޚިދުމަތް ބޭނުންކުރައްވާ އާއްމު ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް، ހަލުއި ސްޕީޑެއްގައި ލިބި އެޗްޑީސީއާއި އާއްމުންނާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާވެގެން ދާނެކަމަށް ކަމަށް އެމްޑީ ސުހައިލު ވިދާޅުވިއެވެ. އަދި މިއީ އާއްމުން ބަލައިގަންނަ ޚިދުމަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދު ހުޅުވި ފުވައްމުލައް ސިޓީ – އެޗްޑީސީ ކޯލް ސެންޓާ
މިއީ އެޗްޑީސީގެ ‘ގޯ ބިޔޯންޑް ހުޅުމާލެ” އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށާއި ރައްޔިތުންނަށް ލުއި ފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީއިން ހާމަކުރެއެވެ. އެޗްޑީސީގެ އެކިއެކި ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މުސްތަގުބަލުގައި ޚިދުމަތް ދިނުމުގެ އަމާޒެއް އެކުންފުނީން ގެންގުޅެން ވަނީ ފަށާފައެވެ. މިއީ އެގޮތުން ހުޅުމާލެއިން ބޭރުގައި ހުޅުުވާ ފުރަތަމަ ސެންޓަރެވެ.
ފުވައްމުލައް ސިޓީއަކީ އެފަދަ ޚިދުމަތްތައް ގާއިމުކުރުމުގައި ޕޮޓެންޝަލް އޮތް ރަށެއްކަމަށް އެމްޑީ ވިދާޅުވިއެވެ. އެއާއެކު އެެކޯޕަރޭޝަންގެ މަޝްރޫއޫތައް ހިންގުމުގައި ބައިވެރިއެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ހިމެނިގެންދާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އިތުރު ޕޮސިބިލިޓީސްތަކަށް ބައްލަވަމުން ގެންދާވާނެ ކަމަށެވެ.

ފުވައްމުލައް ސިޓީ ގައި އެޗްޑީސީ ކޯލް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތު – އެޗްޑީސީ
މިއަދުގެ ހަފުލާ ފުވައްމުލައް ސިޓީގައި ކުރިޔަށް ކުރިޔަށް ނުގެންދެވިފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކަމަށް މެނޭޖިން ޑިރެކްޓާ ސުހައި ހާމަކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ކަންކަމަށް ލުއި ގޮތްތަކެއް ހަމަޖެހުމުން އެ ކޯޕަރޭޝަނުގެ ފަރާތްތަކުން ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މޭޔާ ފަލާޙު ޝަރީފު ވިދާޅުވީ މިއީ ހަމައެކަނި ކޯލް ސެންޓަރުގެ ޚިދުމަތެއް ނޫން ކަމަށެވެ. މިއީ ފުވައްމުލައް ސިޓީގެ ތަރައްގީގައި މުހިންމު ބައިވެރިއަކު ވެސް ލިބިގެން ދިއުން ކަމަށެވެ. އަދި އެއާއެކު ރަށުން އިތުރު ވަޒީފާތަކެއް އުފެދިގެން ދިއުމާއި ފުވައްމުުލައް ސިޓީގެ އާބަން ޑިވެލޮޕްމެންޓަށް އެޗްޑީސީގެ ފަންނީ ލަފާ ލިބިގެންދާނެ ބައިވެރިއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެޗްޑީސީއާކި ރާއްޖޭގައި ސިޓީއެއް ބިނާ ކުރުމުގައި އެންމެ ފުރިހަމަ ތަޖުރިބާއާއި ގާބިލްކަން ހުރި ފަރާތްކަން ގަބޫލުކުރައްވާ ކަމަށް ވެސް ފަލަޙު ވިދާޅުވިއެވެ.

ޚިޔާލުތައް