އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިއާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ނިކުންނާނެ ރަނިންމޭޓެއްގެ ގޮތުގައި ފުވައްމުލަކު ނޫޑަލްހީ ފައިސަލް ނަސީމް ހޮވިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓަކަށް ހޮވިފައިވަނީ އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓެއް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީއަށް ލިބުމުން އެޕާޓީއިން ކަނޑައަޅާ ރަނިންމޭޓެއް ހޮވުމަށް މިރޭ ބޭއްވި ބޭއްވި އެޕާޓީގެ 119 ވަނަ ކައުންސިލް ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓަކުން ހޮވިގެނެވެ. ފައިސަލް އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެންމެ ގާތުން އޭނާ އާއި ވާދަކުރެއްވި އަލީ ޙުސައިނާއި ވާދަކުރައްވައި އެއްވޯޓުގެ ތަފާތުންނެވެ. އަލީ ހުސައިނަށް 14 ވޯޓު ލިބިވަޑައިގެންނެވި އިރު ފައިސަލް ނަސީމަށް 15 ވޯޓު ލިބިވަޑައިގެންފައި ވެއެވެ. ދެން ރަނިންމޭޓުކަމުގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިވަޑައިގެންނެވި އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ.
މިރޭގެ ވޯޓު ފައިސަލް ނަސީމް ކާމިޔާބު ކުރައްވާފައިމިވަނީ ޖޭޕީގެ ބާނީ ގާސިމް އިބްރާހިމް ފައިސަލް ނަސީމަށް ކުރެއްވި ތާއީދު އަބުރާ ގެންދަވާފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ ވާދަވެރި އިންތިޚާބެއް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށްވެއެވެ.
ރަނިންމޭޓް ކަން ލިބިވަޑައިގަތުމާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ދެންމެ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުން މިހާރު ދާ ދަތުރަކީ ވަރަށް ދިގު ދަތުރެއް ކަމަށާއި މި ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އޭނާ ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައިގެން އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެކުލަވައިލާ ސަރުކާރެއްގައި ރައްޔިތުންގެ އެއްވެސް ބައެއްގެ މެދުގައި ތަފާތު ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި ހޭދަ ކުރެއްވި ތާރީޚުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަަޑައިގަތީ އަދި އެންމެ ގާތް ކޮށް މަސައްކަތް ކުރެއްވީ، އޭނާއާ މިރޭ ވާދަ ކުރެއްވި އަލީ ހުސައިން ކަމަށެވެ.
ފައިސަލް އަށް މަރުހަބާ ދަންނަވަމުން އަލީ ހުސައިން ވިދާޅުވީ މިރޭ ފެނުނީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އޭނާ ހުންނަވާނީ ފައިސަލްއާ އެކުގައި ކަމަށާއި އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބު ކޮށްދޭން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ މިރޭ މި އެޅުނީ ވަރަށް މުހިންމު ބިންގަލެއް ކަމަށާއި ކުރިއަށް ދާނީ އިދިކޮޅު ހަތަރު ލީޑަރުން ދައްކާ މަގުން ކަމަށާއި ހުރިހާ ވެސް ބޭނުމަކީ އިންތިޚާބު ކާމިޔާބު ކޮށް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ފައިސަލް ނަސީމް ހޮވިވަޑައިގެންނެވިއިރު ގުޅިފައިވާ ޕާޓީތަކުގެ ރިއާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ހޮވާފައެވެ. އަދި އިބޫ ވަނީ ކެމްޕޭނުވެސް ފައްޓަވާފައެވެ. އެގޮތުން މިއަދު ވަނީ، ކެމްޕޭންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އައްޑު އަށް ވަޑައިގެންފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި ފައިސަލް ނަސީމްގެ އުފަންރަށް ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތުލިބެއެވެ.



ޚިޔާލުތައް