ފުވައްމުލަކު ނޭޗާ ޕާކް ސަރަހައްދުގައި މިއަދު މެންދުރެއްހާއިރު ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު ނޭޗާ ޕާކުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެންއެންޑީއެފާއި އެމްއެންޑީއެފްގެ ފުވައްމުލަކު ފަޔާ ސްޓޭޝަންގެ ޓީމާއި ސިޓީ ކައުންސިލާއި، އެމްޓީސީސީ އާއި ފުވައްމުލަކު ޕޮލިސް އާއި ދަރުމަވެރިން ގުޅިގެން ކުރެވުނު މަސައްކަތުންކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔާ ވަނީ ވިދާޅުވެފައެވެ.
“ނޭޗާ ޕާކުގައި ރޯވި އަލިފާންގަނޑޫ ނިއްވާލުމުގައި ފެނިގެންދިޔައީ ރަގަޅު ޓީމު ރޫހެއް” ކަމަށް ވިދާޅުވެ އެމަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށް ކުރެއްވި މެސެޖެއްގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔާ އިސްމާއީލް ރަފީގު ވިދާޅުވެފައިވެއެވެ.
މިއަދު މެންދުރެއްހައިއިރު ރޯވި މިއަލިފާންގަނޑު ނިއްވާލެވިފައިވަނީ ހަވީރުގެ ވަގުތެއްގައި ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު ކުޅި ސަރަހައްދުގެ ޗަސް ބިމުގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވުމުގެ ހާދިސާހިގައެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގެ ހަނަފަސް ދުވަސްވަރު މިފަދަ ހާދިސާތައް ގިނަ ކަމަށްވެސް ފާހަގަކުރެއެވެ. އެގޮތުން، މިދިޔަ އަހަރު ޖެނުއަރީ 20 ވަނަ ދުވަހު މެންދުރެއްހާ އިރުވެސް މިފަދަ އަލިފާނުގެ ހާދިސާއެއް ފުވައްމުލަކު ދަޑިމަގި ކިޅި ނުވަތަ ފުވައްމުލަކު ނޭޗާ ޕާކުގެ ޗަސްބިމުގައި ހިގާފައިވެއެވެ.
ޚިޔާލުތައް