ފުވައްމުލަކު ސިޓީގައި ގާއިމުކުރި ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް މުޅިން ހައްލުވެއްޖެކަމަށް އެ ނިޒާމާއި ހަވާލުވެފައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވެފައިވަނީ ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗަށް މިހާރުގެ މެނޭޖްމެންޓާއެކު ކާމިޔާބު ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ކުރިމަތިވެފައިވާ ދަތި އުދަނގޫ މައްސަލައިން އަރައިގަނެވުނީ ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބުރާންޗުގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށެވެ.
ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އެޕްރީލް 8 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތަކަށްފަހުގައެވެ. ނާއިބު ރައީސްވެސް ބައިވެރިވެވަޑައިގަތް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލައަކީ އޭނާ މަގާމާ ހާވާލުވިފަހުން ދިމާވި އެއްމެ ބޮޑު އެއް ތަކުލީފު ކަމަށެވެ. އަދި އެއީ ހައްލުކުރަން އެންމެ ދަތިވީ އެއް މައްސަލަ ކަމަށެވެ. ނަމަވެސް އެނިޒާމު ޑިޒައިންކުރުމަށް ކުރެވުނު މަސައްކަތަކާއެކު، ވަނީ ދާއިމީ ހައްލެއް ލިބޭނެގޮތްތައް ހޯދިފައި ކަމަށެވެ. އަދި އެމަސައްކަތް ފަށާތާ 8 މަސް ދުވަސްތެރޭ ނިންމާނެކަމަށްވެސް އެޖަލްސާގައި ސައީދު ވިދާޅުވިއެވެ.
ޚިޔާލުތައް