ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ހަސަންގެ ހަނދާނުގައި އޭނާގެ މައިންބަފައިން ކްލިނިކެއް ހުޅުވައިފި އެވެ. ފުވައްމުލަކުގައި ހުޅުވުނު މިކްލިކުން އާންމުކޮށް ފުވައްމުލަކު ހޮސްޕިޓަލުން ލިބެން ނުހުންނަ ބައެއް ޚިދުމަތްތައްވެސް ލިބިގެންދާނެ ކަމަށް އެ ކްލިކް ހުޅުވުވި ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ވިދާޅުވިއެވެ.
ފުވައްމުލައް މެޑިކަލް ސެންޓަރުގެ ނަމުގައި ހުޅުވި މި ކްލިކުން މިހާރުވެސް ކުޑަކުދިންގެ ޑޮކްޓަރެއްގެ އިތުރުން އާންމު ބަލީގެ ޑޮކްޓަރެއް މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކްލިނިކުގައި ޚިދުމަތް ދިނުމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އާއި ކުޑަކުދިންގެ ޑޮކްޓަރު ހުސައިން މާހިރު އާއި ނަފްސާނީ ޑޮކްޓަރު ޑރ. އައިޝަތު އަލީ ނާޒް އާއި، ހަމުގެ ޑޮކްޓަރު މުހައްމަދު ހައިކަލް އަލީ ރަޙްމާން އަދި ނާރުގެ ޑޮކްޓަރު އަހުމްދު ރަޝީދުގެ އިތުރުން ޑައިޓީޝަން އާސިޔާ ޢަބްދުއްރަހީމް ވަނީ ރަޖިސްޓްރީވެފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި ސަދާ ނިޔާވެފައިވަނީ ބަނޑުގައި ރިިއްސައި ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އެ މައްސަލަ ހެލްތު މިނިސްޓްރީން ބެލުމުން، ސަދާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުތަކުގެ ސަބަބުން ކަމަށް ވަނީ ނިންމާފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ ޑޮކްޓަރަކު ވަނީ ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.



ޚިޔާލުތައް