އެމްޑީޕީގެ ޗެއާޕާސަންއެއް ހޮވުމަށް ބޭއްވޭ އިންތިޚާބުގެ ކެންޕޭނު ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި އެއިންތިޚާބު ފަސްކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ފައްޔާޒުގެ ބާރާއި ސަޕޯޓް އޮތް މިންވަރު ފެނިގެން ހިގައްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ކުރިން ނިންމާފައި އޮތް ދުވަސްކަމަށްވާ އެޕްރީލް 16 ވަނަ ދުވަސް ރޯދަމަހަށް ދިމާވާތީގެ ފައްޔާޒުގެ ކެންޕޭނު މެނޭޖަރު ބްރާހިމް ވަހީދު (އިބްރޭ) ހުށަހަޅުއްވާ މުހައްމަދު ނާޝިޒު ތާއީދުކުރެއްވީ އެއިންތިޚާބު މެއީ 14 އަށް ލަސްކުރުމަށެވެ. މިބަދަލަށް ފައްޔާޒާއި ވާދަކުރައްވާ އިމްތިޔާޒު ފަހުމީ އަށް ތާއީދުކުރައްވާ މެންބަރުން ގެންދެވީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ޗެއާޕާސަންކަމަށް ވާދަކުރައްވާ އިންތި އާއި މެންބަރު އަލީ އާޒިމް އާއި މެންބަރު އީވާ އަބްދުﷲ އާއި މެންބަރު މީކާއިލް ނަސީމް އާއި މެންބަރު މުހައްމަދު ވަހީދު އާއި މެންބަރު އިލްޔާސް ލަބީބް އާއި މެންބަރު ހަސަން ލަތީފް ފަދަ އިންތިއަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އިންތިހާބުގެ ތާރީހު ބަދަލު ކުރުމަށް ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އަދި އެއީ ވަރަށް “ޕީޕީއެމް ސިފައެއް” ކަމަށް ވިދާޅުވެ އިންތިހާބު ފަސްކުރަން ދެކޮޅު ހެއްދެވިއެވެ.
އިންތިއަށް ތާއީދުކުރާ ފަރާތްތަކުން މިކަމަށް ދެކޮޅު ހެއްދެވި ނަމަވެސް ފައްޔާޒަށް ތާއީދުކުރައްވާ ފަރާތްތަކުން އެކަމަށް ވަކާލާތުކުރެއްވިއެވެ. ރޭގެ ހޫނު ޒުވާބަށްފަހު ތަފާތު ބޮޑު ނަތީޖާއަކުން ފައްޔާޒުގެ ކެންޕޭނު ޓީމުން ހުށަހެޅުއްވި ބަދަލަށް ތާއީދުލިބުނެވެ. ރޭގެ ޖަލްސާގައި ބައިވެރިވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުން އެބަދަލަށް ވޯޓްދެއްވިއިރު އެބަދަލަށް ވޯޓު ނުދެއްވާ ތިއްބެވީ އެންމެ 15 މެނަބަރުންނެވެ. ރޭގެ ޖަލްސާގައި ހޫނުގަދަ ބަހުގެ ހަމަލާތައްވެސް ވަނީ ދެކޮޅުން ބަދަލުކޮށްފައެވެ.
މިވޯޓާއިއެކު އެމްޑީޕީގައި ފައްޔާޒަށް އޮތް ތާއީދުވަނީ ހާމަވެގެން ގޮސްފައެވެ.
ޚިޔާލުތައް