އައިޖީއެމްއެޗް ކައިރިން މިދިޔަ މަހު 28 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލަދީ މީހަކު މަރާލި މައްސަލައާއި ގުޅިގެން ފުވައްމުލަކު ދެ މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ޏ.ފުވައްމުލައް ދަނޑިމަގު، ޝައިނީ މުޙައްމަދު ސަމީޙު (19އ) އާއި ޏ.ފުވައްމުލައް ހޯދަނޑު، ނޯވެލް މުޙައްމަދު ޝަމްލު (18އ) އެވެ.
” މި 02 މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން” ފުލުހުން ވިދާޅުވިއެވެ.
މިކަލް ނޫހަށް އެގިފައިވާ ގޮތުގައި ފުލުހުން ހޯދަމުންދާ ސަމީހް އަކީ ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީއަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މައްސަލައިގައިވެސް ހިމެނޭ މީހެކެވެ. އަިދ އެމައްސަލަ މިހާރުވަނީ ޕީޖީއަށް ފޮނުވައިފައެވެ.
އައި.ޖީ.އެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް 29 އަހަރުގެ ޒުވާނާ މަރުވެފައި ވަނީ އެރޭ ދަންވަރު 03:30 ހާއިރުއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޚިޔާލުތައް