A wide advertisement which will be shown on all devices. (700 x 100)

އުމުރުން ދުވަސްވީ މިހުނގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކަށް ފަސްޓް ލޭޑީ ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

ފަސްޓް ލޭޑީ ފަޒްނާ ފުވައްމުލަކަށް ވަޑައިގަތުން - 12 އޮކްޓޯބަރު 2022

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން (ފަސްޓް ލޭޑީ) ފަޒްނާ އަހުމަދު އިއްޔެ ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ. ފަސްޓްލޭޑީގެ މިދަތުރުފުޅަކީ މިހާރު ފުވައްމުލައް ސިޓީގައި ފާހަގަކުރަމުން އަންނަ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ފަސްޓް ލޭޑީ ފަޒްނާ ފުވައްމުލަކަށް ވަޑައިގަތުން – 12 އޮކްޓޯބަރު 2022

މިދަތުރުފުޅުގައި މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުޙައްމަދު ދީދީ އާއި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ހާ އެކްސެލެންސީ ތަކެއޮޗި މިދޮރި ވެސް ބައިވެރިވެ ވަޑައިގަންނަނަވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލަކު އެއާޕޯޓުން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ސިޓީ ކައުންސިލް މެމްބަރު އާމިނަތު އިނާޔާ އާއި ސިޓީ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލު އާއި ސިޓީ ކައުންސިލްގެ އިސް މުވައްޒަފުނާއި އާއްމު ރައްޔިތުންގެތެރެއިން ބައެއް މީހުންންނެވެ.

މިދަތުރުފުޅުގައި ފަސްޓް ލޭޑީ ވަނީ ފުވައްމުލައް ސިޓީގެ ކޮމިއުނިޓީ ސޯޝަލް ގްރޫޕް (IBAMA) އައެކު ބައްދަލުވުމެއް ބާއްވާފައެވެ.

ފުވައްމުލަކުގެ އިޖުތިމާއީ ކަންކަމާއި ގުޅޭ ގޮތުން ހަރަކާތްތެރިވާ މީހުންއި ބާއްދަލު ކުރެއްވުން

މިއަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްމީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ އިސް ރައްވެހިންގެ ހަފްލާ އެވެ. މިހަފުލާ ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ހާފިޒް އަހުމަދު ސްކޫލުގައެވެ. މިހަރަކާތުގެ ތެރޭގައި ފްރޯޑް ޕްރިވެންޝަން – ނުވަތަ އޮޅުވާލައިގެން ފައިސާ އަތުލުން ފަދަ ކަންކަމާއި ގުޅިގެން އިސް ރަށްވެހިންނަށް މައުލޫމާތު ދިނުމާއި، ނަފުސާނީ ދުޅަހެޔޮކަމުގެ މައުލޫމާތު ދިނުމާއި، ހަށިގަޑުގެ ދުޅަހެޔޮކަމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގެ މުހިންމުކަމުގެ މައްޗަށް ބައިވެރިންނަށް ކުދި ގްރޫޕްތަކުގައި މައުލޫމާތު ދިނުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

އިސްރަށްވެހިންގެ ހަފުލާ – ހާފިޒް އަހުމަދު ސްކޫލުން

މިހަފުލާއަށް އާއްމުގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ. މިހަފުލާގައި ބައިވެރިންނަށް ހެނދުނުނގެ ނާސްތާކުރުމެއް ވެސް ބާއްވާފައި ވެއެވެ.

މި އޮކްޓޯބަރު މަހުގެ 11 އިން 13 އަށްށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން 11 ވަނަ ދުވަހާއި 12 ވަނަ ދުވަހު ވަނީ ގްރައުން ގޮލްފު މުބާރާތުގެ ކުޅުންވެސް ކުރިޔަށް ގެންގޮސްފައެވެ. މިމުބާރާތް ބޭއްވުމަށް ކުރިން ހަމަޖެހިފައިއޮތީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ކަމަށް ވިޔަސް މޫސުން ތަން ނުދިނުމުގެ ސަބަބުން މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޖޭއެސް ހޯލުގައި ޓާފް އަޅާއިގެން އެތަނު އެތެރޭގައެވެ. ގްރައުންޑް ގޮލްފް މުބާރާތުގެ ފައިނަލް މެޗު އޮންނާނި މިއަދު ހަވީރު 4:00ގައެވެ.

ގްރައުންޑް ގޮލްފް މުބާރާތގެ ތެރެއިން

ގްރައުންޑް ގޮލްފް މުބާރާތުގައި ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ގެނައި ގްރައުންޑް ގޮލްފް އިކުއިޕްމެންޓުތައް ފުވައްމުލައް ސިޓީ ކައުންސިލަށް ހަދިޔާކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަލްފާޟިލާ ފަޒްނާ ޝާކިރުއެވެ.

ގްރައުންޑް ގޮލްފް މުބާރާތުގެ ތަކެތި ހަވާލުކުރެއްވުން.

މާދަމާ، 14 އޮކްޓޯބަރުގައި އޮންނަނީ ތްރީ ޖެނެރޭޝަން ވޯކް ގެ ނަމުގައި މާމަ-ކާފަ ދަރިންނާއި އެކު ބާއްވާ ހިންގާލުމެކެވެ. މި ހިންގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:45 ގައި ވަލިފަންނު ހިސާބުންނެވެ.

އެންމެފަހު ހަރަކާތެއްގެ ގޮތުގައި މާދަމާ ނޫން އަނެއް ދުވަހު ހަވީރު 4:00ގައި ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައި އޮންނާނީ އާއިލީ ހަވީރެކެވެ.

ރަސްމީ ޕްރޮގްރާމުގެ އިތުރުން އިއްޔެ ވަނީ ޕެންޝަން ސްކީމްތަކާއި ބެހޭ މައުލޫމާތު ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި ހިއްސާކުރުމަށް ރަށުތެރޭގެ ހަރަކާތްތަކެއް ޕެންޝަން އޮފީހުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ޕެންޝަން ސްކީމްތަކުގެ މައުލޫމާތު އާއްމުނަށް ދިނުން – ޕެންޝަން އޮފީސް

ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ އުމުރުން ދުވަސްވީ މީހުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިފަހަރު ކުރިޔަށް ގެންދަނީ މޯލްޑިވްސް ޕެންޝަން އޮފީސް އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ދިވެހި ފުލުހުންގެ ޚިދުމައްތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ.

ޕެންޝަން ސްކީމްތަކުގެ މައުލޫމާތު އާއްމުނަށް ދިނުން – ޕެންޝަން އޮފީސް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !