މިއަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްމީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހިމެނެ ގްރައުންޑް ގޮލް މުބާރާތުން މޮޅުވީ ހޯދަޑު އަވަށަށް ނިސްބަތްވާ މޭރެބޮލް ޓީމެވެ.
އަށް ޓީމު ވާދަކުރި މުބާރާތުގެ ސެމީ ފައިނަލުގައި 5 ޓީމު ވާދަކޮށް ފައިނަލަށް ހޮވުނީ 3 ޓީމެކެވެ. އެއީ ޖެންޑާ އެންޑް ސޯޝަލް ސާވިސް – ފުވައްމުލައް ސެންޓަރުގެ ޓީމަކާއި އެސްޓީއޯ ފުވައްމުލަކުގެ ޓީމަކާއި ހޯދަޑު އަވަށު ޓީމެކެވެ. ފައިނަލް މެޗުން މޮޅުވެ ކާމިޔާބު ހޯދީ ހޯދަޑު އަވަށް ނިސްބަތްވާ މޭރެބޮލް ޓީމެވެ.

ގްރައުންޑް ގޮލްފް މުބާރާތުގައި ބައިވރިވި ޓިމުތައް 2022
މުބާރާތް ކާމިޔާބުކުރި ޓީމަށް މެޑެލްއާއި އިނާމު ދިނުން ނިންމުމުގެ ރަސްމިއްޔާތުގައި ބާއްވާފައިވެއެވެ.
މިމުބާރާތުގައި ވާދަކުރީ ފުވައްމުލައް 8 ޓީމެކެވެ. ކޮންމެ ޓީމެއްގައި ވެސް 6 ކުޅުންތެރިން ހިމެނޭއިރު މަދުވެގެން 65 އަހަރުން މަތީގެ 1 ކުޅުންތެރިޔަކު އޭގެތެރޭގައި ހިމެނެން ޖެހެއެވެ. މިމުބާރާތުގެ ކުޅުން ފެށީ މި އޮކްޓޯބަރު މަހު 11 ވަނަ ދުވަހުއެވެ. ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި މެޗުތައް ކުޅުމަށް ތާވަލް ކުރެވުނަސް މޫސުން ގޯސްވުމުގެ ސަބަބުން މެޗުތައް ކުޅެފައިވަނީ އެމްޖޭއެސް ހޯލުގެ ތެރޭގައި ޓާފް އަޅައިގެންނެވެ.

ދޮށީ އުމުރުގެ މީހަކު ގްރައުންޑް ގޮލްފް ކުޅެނީ
މިއީ މުޅިން އަލަށް ރާއްޖޭގައި ކުޅޭ މުބާރާތަކަށްވުމުން އުރުން ދުވަސްވީ މީހުން މިމުބާރާތުގައި ފެނިގެން ދިޔަލެއް މަދުކަން ފާހަގަވިއެވެ. ކޮންމެ ޓީމެއްގައި ވެސް 65 އަހަރުން މަތީގެ މަދުވެގެން ކުޅުންތެރިއަކު ހިމަނަން އޮތްކަމުގައި ވިޔަސް މުސްކުޅިން މިކަމުގައި ކުރިޔަށް ނުކުތުމަށް ފަސްޖެހިފައިވީ ތަން ފެނުނެވެ. މުބާރާތުގައި ޓީމަކުން ކުޅެނީ 5 ކުޅުންތެރިންނަށް ވުމުން 65 އަހަރުން މަތީގެ ކުޅުންތެރިޔާ ގިނަފަހަރާ ޓީމުގައި ހިމެނުނަސް ކުޅެން ބޭނުމެއް ނުވި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެގޮތުން ޗެމްޕިއަން ޓީމުގައި ހިމެނުނު 65 އަހަރުން މަތީގެ ކުޅުންތެރިޔާ ދަނޑަށް ގޮސްފައި ވެސް ކުޅެން ބޭނުންނުވި ކަމަށް ވެއެވެ. ވުމާއެކު ގިނަ ޓީމުތަކުން ކުޅޭ ތަން ފެނުނީ ޒުވާން އުމުރުގެ މީހުންނެވެ.

ގްރައުންޑް ގޮލްފް ކުޅުންތެރިން
މުބާރާތުގެ ކުޅުމުގެ ތެރެއިން އެ ތަޖުރިބާއަށް ބަލައި ފައިނަލް މެޗުގެ ކުރިން މުސްކުޅިންނަށް ގްރައުންޑް ގޮލްފް ތައާރަފުކުރުމުގެ ވަކި ޚާއްސަ މެޗެއް ކުޅެފައިވެއެވެ. އެއީ މުސްކުޅި އުމުރުގެ މީހުން މިކަމުގައި ބައިވެރިކުރުމަށް ކޮންމެހެން ބޭނުންވާތީ ކުރިޔަށް ގެންދިޔަ މެޗެއް ކަމަށް ވެއެވެ.

ގްރައުންޑް ގޮލްފް ކުޅުންތެރިން
މިއީ ޖަޕާނުން ތައާރަފުކޮށްގެން އުޅެ މުސްކުޅިންގެ ޚާއްސަ ކުޅިވަރެކެވެ. އާއްމު ގޮލްފް އާއި ޚިލާފަށް މިކުޅިވަރުގައި އެކަމަށް ޚާއްސަ ބޯޅައެއް ބެޓުން ޖަހައި ދުރުގައިވާ ރިންގަކަށް ފޮނުވާލަން ޖެހެއެވެ. އަދި އާއްމު ގޮލްފުގައި ލޯވަޅަށް ބޯލަ ވެއްޓާ އުސޫލުގެ ބަދަލުގައި ގްރައުންޑް ގޮލްފްގައި ބޯޅަ ވައްދާލަންޖެހެނީ ވަށްބުރެއް ގޮތަށް ހުންނަ ކުޑަ ރިންގެއްގެ ތެރެއަށެވެ. އެރިންގްގެ މެދުގައި ހުންނަ ކުޑަ ރަނގަބީލެއްގައި ބޯޅަ ޖައްސަން ޖެހެއެވެ. އަދި އެބޯޅަ ރިންގުންގެ އެތެރޭގައި އޮންނަން ވެސް ޖެހެއެވެ. ޕޮއިންޓް ލިބެނީ ރިންގްގެ އެތެރެއަށް ބޯޅަ ވައްދާލަން ބޯޅައިގައި ޖަހާ ފަހަރު (އަދަދު)ގެ ނިސްބަތުންނެވެ.

ގަރައުންޑް ގޮލްފް ކުޅޭ ބޯޅަ، ބެޓް އަދި ބެލް-ރިންގް
މިކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ރާއްޖޭގެ އެހެން ކައުންސިލަތަކަށް ވެސް ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ޖައިކާ ވެދޭ އެހީއެއް ކަމަށް މައުލޫމާތުލިބެއެވެ.

އިސްރަށްވެހިންގެ ދުވަހުގެ ހަރަކާތްތައް 2022
އުމުރުން ދުވަސްމީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުން ބޭއްވާ ހަރަކާތްތަކުގެ ތެރެއިން މިއަދު އޮންނާނީ އާއިލީ ހަވީރެކެވެ. މި ހާވީރުގައި އާއިލާގެ ހުރިހާ އެންމެނަށް ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ. އާއިލީ ހަވީރު އޮންނާނީ ފުވައްމުލަކު އިޖުތިމާއީ ސެންޓަރުގައެވެ. މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ މޯލްޑިވްސް ޕެންޝަން އޮފީހާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ދިވެހި ފުލުހުންގެ ޚިދުމައްތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ.



ޚިޔާލުތައް