ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިޔަށް އެބަ ގެންދެއެވެ. އެގޮތުން އެޑުއކޭޝަން މިނިސްޓާ ޑރ.އާއިޝަތު އަލީ ވަނީ މިހަފުތާގެ ކުރީކޮޅު އެސްކޫލުގެ އައު ގޭޓް ހުޅުވައި ދެއްވާފައެވެ.
ޏ.އޭއީސީ40 ގެ ލޯގޯ މޮނިއުމެންޓް މިހަފުތާގެ އާދީއްތަ ދުވަހު އެސްކޫލުގައި ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.
ޏ.އޭއީސީ40 ގެ ޚައްސަ ޖަލްސާ ބައްވާފައި ވަނީ ޑިސެމްބަރު މަހު 18 ވަނަ ދުވަހުގެ ރެއެވެ. މިޖަލްސާގައި އެ ސްކޫލަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލައެއް ދިނުން އޮތެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.
ސާޅީސް ވަނަ އަހަރީ ދުވަހައި ގުޅިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ‘ޏ.އޭއީސީ40 ރަން’ ގެ ނަމުގައި ރަށުގައިދުވުމެއް ބާއްވާފައި ވަނީ ޑިސެމްބަރު މަހު 17 ވަނަ ދުވަހުއެވެ. މިދުވުމުގެ އިތުރު ބައެއް އަންނަ އަހަރު (2023) ޖެނުއަރީ 20 ގައި ހުޅުމާލޭގައި ބޭއްވުމަށް ތާވަލު ކޮށްފައި ވެއެވެ.
މިހާރު ކުރިޔަށްދަނީ ޏ.އޭއީސީ40 ފިރިހެނުންގެ ފުޓުސަލް މުބާރާތަކާއި އަންހެނުންގެ ވޮލީ މުބާރާތެކެވެ. ޏ.އޭއީސީ40 ފުޓުސަލް މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން މއިަދު ހަވީރު މުބާރާތް ކުރިޔަށްގެންދާ މިސްކިތްމަގު ސްޓޭޑިއމަގެ ފުޓްސަލް ދަނޑުގައި އޮންނެވެ. ފައިނަލުގަިއ ބައްދަލުކުރަނީ އެފްސީ ދޫނޑިގަލޯނާއާއި ހޯދަޑު ސްޕޯޓްސް ކްލަބެވެ. މިއީ ފުވައްމްުލަކުގެ ފުޓްސަލަގައި އަދި ފުޓުބޯޅާގައި ވެސް އެންމެ ވަރުދަގަދަ ދެޓީމެވެ.
ޏ.އޭއީސީ40 އަންހެނުންގެ ވޮލީ މުބާރާތުގެ ކުޅުން ވެސް މިހާރު ކުރިޔަށް އެބަގެންދެއެވެ.
މުޅި އަހަރު ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދާ މިހަރަކާތް ފަށާފައިވަނީ މިއހަރުގެ އޭޕްރީލް 20 ވަނަ ދުވަހުއެވެ. އޭޕްރީލް 20 ވަނަ ދުވަހަކީ ޏ.އޭއީސީގެ ކިޔެވުން ރަސްމީކޮށް ފެށުނު ދުވަހެވެ. ނުވަތަ އަހަރީ ދުވަހެވެ.
ޚިޔާލުތައް