ޑިޒައިން އެންޑް ބިލްޑް އުސޫލުން 500 ހައުސިން ޔުނިޓު ފުވައްމުލަކުގައި އަޅައިދޭނެ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން އިއުލާންކޮށްފިއެވެ. މާލީ ވުޒާރާއިން މިފަދައިން އިއުލާންކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 12 ހާހަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ކުރި އިއުލާނުގެ ތެރޭގައެވެ.
އެއިއުލާނުގައިވާ ގޮތުން 100 އިން ދަށުން ހައުސިން ޔުނިޓް އަޅަނީ 20 ރަށެއްގައި އަޅާއިރު 12 ރަށެއްގައި 100 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވެއެވެ. އަދި 2 ރަށެއްގައި 150 ހައުސިންގ ޔުނިޓް، 9 ރަށެއްގައި 200 ހައުސިން ޔުނިޓް އަދި 14 ރަށެއްގައި 200އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައެވެ.
މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް މާލީ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އާއި ފައިނޭންސިންގ މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓުގައި ބަޔާންކުރެވިފައިވާނެކަމަށްވެސް އެވުޒާރާއިން ކުރި އިޢުލާންގައިވަނީ ހާމަކުރައްވާފައެވެ.
މިހައުސިން ޔުނިޓްތަކަށް ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ މެއިމަހުގެ 11އިން 15 އަށް ކޮންމެ ދުވަހަކު ހެނދުނު 10އެއް ޖަހާއިރުއެވެ. ހައުސިން ޔުނިޓް އިމާރާތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާ ގުޅޭ މަޢުލޫމާތު ހިމެނޭހެން މިއިޢުލާންތައްވަނީ ގެޒެޓްގައި ޝާޢިޢުކޮށްފައެވެ.
ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން މިދާއިރާއިން 2.8 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާއިރު، 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަޝްރޫޢުތަކަށެވެ.
ޚިޔާލުތައް