ބުރުޒުމަގުގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގުކުރިއަށްދާ ގޮތާއި ހިތްހަމަނުޖެހި ޒުވާނުން އަޑުއުފުލައި ސަރުކާރަށް ޕްރެޝަރު ކުރުމާއި ގުޅިގެން އެމައްސަލަ ބަލައި ތަހުގީގުކުރުމަށް ތިން މެންބަރުންގެ މައްޗަށް ހިމެނޭ ޚާއްސަ ކޮމިޝަނެއް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ކަށީގެ ޑޮކުޓަރު ޑރ. މުހައްމަދު ހަބީބު އެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ. އެ ކޮމިޝަނުގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހު އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެެއް ރައީސް މުއިއްޒު މި އުފެއްދެވީ އެ މައްސަލަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި ޔުމްނުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މާލޭގައި މަގުތަކުގައި މުޒާހަރާކުރަމުން އަންނަތާ 4 ރޭ ވެފައިވެސް ވަނިކޮށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާްންޑު ކޮށްފައި ވަނިކޮށެވެ.
ޒުވާނުންގެ ފަރާތުން ޖުމުލަ 10 ޑިމާންޑެއް ސަރުކާރަށް ކޮށްފައިވެ އެވެ.
އެޑިމާންޑުތަކަކީ؛
- ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
- މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
- ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
- ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
- ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
- ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
- ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
- ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
- ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
މި ޑިމާންޑުތަކުގެ ތެރެއިން ޔުމްނުގެ މައްސަލަ ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވައިލުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ސުޖާއު ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ.

ޚިޔާލުތައް