މާލޭގައި ހަނި ގޯޅިތަކާއި މަގުތަކުގައި ހުންނަ ގެތައް ސަރުކާރަށް ދޫކޮށްލާ ނަމަ ލާ ޖައްސައިގެން އެހެން ސަރަހައްދަކުން ގޯތި ދޭން ރާވާފައި ޕްލޭނު މި އަހަރު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ރޭ ފާހަގަކުރެއްވީ ހަނި ގޯޅުތަކުގައި ހުންނަ ގެތައް ހެދުމަށް ލޯނު ނުލިބޭ މީހުންނަށް ހައްލެއް ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށެވެ.
“އިކޮނޮމިކަލް ބޭންކަބަލް ޕްރޮޖެކްޓަކަށް ނުވާ ސަރަހައްދުތަކުގައި ވަރަށް ގިނަ ގޯތި އެބަހުރި. މި މީހުންނަށް އަޅުގަނޑު ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވީން، ލާ ޖައްސާ އުސޫލުން މާލެ ސަރަހައްދުން، ގްރޭޓާ މާލެ އޭރިޔާއިން ބިން ދީފައި، އެ ތަންތަން ދައުލަތަށް ނަގާފައި، ލޯނު ލިބޭނެ މަގުފަހިކޮށްދޭނެ ވާހަކަ،” ރައީސް ވިދާޅުވި އެވެ.
މި ވައުދު ފުއްދުމަށްޓަކައި، ސަރުކާރުން ރާވާފައިވަނީ މި ޕްރޮގްރާމް ދާދި އަވަހަށް ފަށަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކޮށްލާ މީހުންނަށް، ހަމަ އެ ސައިޒުގެ ގޯއްޗެއް ދޭނީ، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލެ ހިމެނޭހެން، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ހިއްކާ ސަރަހައްދަކުންނެވެ.
މިގޮތަށް ދޫކޮށްލާ ގޯތިތައް ސަރުކާރަށް ނެގުމަށް ފަހު، އެ ގޯތިތައް ބޭނުންކުރާނީ މާލޭގައި ޕާކާއި ގްރީން ސްޕޭސް އިތުރުކޮށް، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ގެންގުޅޭ ޕްލޭންގެ ދަށުން ކަމަށް އެ މަނިކުފާނު ހާމަކުރެއްވި އެވެ.
“ވަރަށް ގިނަ ރައްޔިތުން ބޭނުންވާ ކަމެއް މިއީ، ލާ ޖައްސާ އުސޫލުން މާލޭގެ އެހެން ސަރައްދަކުން ގޯތި ހޯދުން. މި މަޝްރޫއު މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ގޯތި ލިބޭނެ ތަން ކަނޑައަޅައި ރަސްމީ ލިޔުން ދޭނަން،” ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، 2010 ވަނަ އަހަރުގެ ތެރޭގައި “ވެށިފަހި މާލެ”ގެ ނަމުގައި މިފަދަ ޕްރޮގްރާމެއް ފެށި އެވެ. މާލެ އިން ދޫކޮށްލާ ގޯތީގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ފްލެޓު ދޭން ނިންމި އެވެ. ނަމަވެސް، އެކަމުގެ ލިޔުން ދޫކުރުމަށް ފަހު އޭގެ ތެރެއިން ގިނަ މީހުންނަށް އޭރު ފްލެޓު ލިބިފައެއް ނުވެ އެވެ.
ޚިޔާލުތައް