A wide advertisement which will be shown on all devices. (700 x 100)

ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށް ނޭދެވޭ އަސަރު ކުރޭ – ވަޒީރު

ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑޫމަހުގެ ބާވަތްތައް ދުރު ސަރަހައްދުތަކަށާއި ކަނޑުގެ ފުންހިސާބުތަކަށް ހިޖުރަކުރުމުގެ ސަބަބުން، ދޮށީގެ މަސްވެރިަކަމށް އަސަރުކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ފާހަގަކުރި ދުނިޔޭގެ ކަނޑުތަކާއި ގުޅޭ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ، ދިވެހިންގެ ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތްކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަމަށެވެ.

ޒަމާނުންސުރެ ދިވެހިންނަކީ ކަނޑުގެ ވެއްޓާއި ރައްޓެހި ކަނޑުރޯދި ހޯދުމަށް ކަނޑުގެ ވަސީލަތް ހެޔޮގޮތުގައި ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ ބައެއް ކަމަށާއި ރާއްޖޭގެ މަސްވެރިކަމަށް ބަލާލިޔަސް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރެވޭ މަސްވެރިކަމެއް އެތައް ޤަރުނައެއް ވަންދެން ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްޤީކުރެވިފައި އޮތްއޮތުމަކީ، އެކަމަށް ދިވެހިން ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވަނީ ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއެކު، އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށް ދިނުމަކީ މިއަދު އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއްކަންވެސް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް މިއިން ދުވަހަކު ނުކުރާވަރަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !