ޅ. ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުނީގެ ސައިޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 13ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ކުރަމުންދިޔަ މަސައްކަތުން ވަގަށްފައިވާ ތަކެތި ހޯދާފައިވަނީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައިވަނިކޮށެވެ. އެގޮތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއްތަކެތި ފެނިފައިވަނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށެވެ. ދެންހުރި ތަކެތި ފެނިފައިވަނީ އެރަށުގެ ފަޅު ގޯއްޗަކުންނެވެ.
މި މައްސަލަ ރިޕޯޓު ކުރިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ފުލުހުން ހޯދާފަވާއިރު އެސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެތި ހޯދައި ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފައެވެ. ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިންގ ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެކެވެ.
މިމައްސަލައާ ގުޅިގެން ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޚިޔާލުތައް