ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ބަލައި ފާސްކުރުމަށް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކުރާ އޯޑިޓް މިއަދު ފެށިއްޖެއެވެ. އޯޑިޓް އަލުން ފެށިގެން މިދިޔައީ 11 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. މި އޯޑިޓަކީ ޔުނިވަރސަލް ސޭފްޓީ އޯވަރސައިޓް އޯޑިޓް ޕްރޮގްރާމް – ކޮންޓިނުއަސް މޮނިޓަރިންގ އެޕްރޯޗް(ޔޫސޯޕް ސީއެމްއޭ) ގެ ދަށުން ކުރެވޭ އޯޑިޓެކެވެ.
މި އޯޑިޓާ ގުޅިގެން، މިނިސްޓަރ އަމީން އައިކާއޯގެ އޯޑިޓް ޓީމާ ބައްދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންނަވާފައިވާ މުހިންމު އިސްލާހުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. މިގޮތުން ޚާއްޞަކޮށް ޤާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ އިސްކަންދޭ ދާއިރާއާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ މި އޯޑިޓުން ކުރީގެ އޯޑިޓަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުން ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އައިކާއޯގެ އޯޑިޓް ޓީމުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ހުރިތޯ ދިރާސާކުރާނެ އެވެ. މި އޯޑިޓުން ލިބޭ ނަތީޖާއަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ އޯޑިޓެކެވެ.
ޚިޔާލުތައް