ހައްވާ ޔުމްނު ރަޝީދު ހެންވޭރު ގެއެއްގެ ފުރާޅުމަތިން ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް ރައީސް އުފެއްދެވި ޚާއްސަ ކޮމިޝަނުން ތަހުޤީގަށްފަހު ތައްޔާރު ކުރި، މައްސަލަ ނިމިނު ގޮތުގެ ރިޕޯޓް އާއްމު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފައިވަނީ މި މައްސަލައިގެ ތަހުޤީގުގައި ފުލުހުން ކަންކުރި ގޮތާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފާޅުކޮށް މާލެތެރޭގައި އިހުތިޖާޖުކުރަން ފެށުމުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
އެ ކޮމިޝަނުން މައްސަލައިގެ ތަހުގީގު ނިންމައި، ރައީސަށް ރިޕޯޓް އަރުވައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެއާއެކު ރައީސް ވިދާޅުވީ، ގަޑިއެއްގެ އިރުތެރޭ މި މައްސަލައިގެ ރިޕޯޓް އާއްމު ކުރަން އަންގަަވާފައިވާނެ ކަމަށެވެ.
މިއީ މިފަދަ ރިޕޯޓެއް ސެންސަރު ކުރުމެއް ނެތި އާންމު ކުރަން ރައީސަކު އެންގި ފުރަތަމަ ފަހަރުވެސްމެއެވެ.
މީގެ ކުރިން އުފެއްދެވި ކޮމިޝަންތަކުން މައްސަލަ ތަހުގީގު ކުރުމަށްފަހު ރިޕޯޓް އާންމު ކުރަން ގިނަ ދުވަސްތަކެއް ނެގިއެވެ. އެގޮތުން ހަތެއް ފެބްރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބެލުމަށް ހެދި ކޮމިޝަނުންވެސް މައްސަލަ ތަހުގީގުކޮށް ރިޕޯޓް އާއްމު ކުރަން ދުވަސްތަކެއް ނެގިއެވެ. އަދި ގެއްލުވާފައިވާ ނޫސްވެރިޔާ އަހްމަދު ރިލުވާންގެ ކޭސް ތަހުގީގު ކުރަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އުފެއްދެވި މަރު ކޮމިޝަނުން ތައްޔާރު ކުރި، ރިޕޯޓް އާއްމު ކުރަން ދުވަސްތަކެއް ނެގިއެވެ.
ޔުމްނު ވެއްޓުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. އެ ހާދިސާއާއި ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައިވާއިރު، މެލޭޝިއާއަށް ފޮނުވުމަށް ސަރުކާރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޚިޔާލުތައް