ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ހިމެނޭ ގޮތަށް ދަ ޑިމޮކްރެޓްސްގެ އެންމެން އެމްޑީޕީއާ ގުޅުމަށް ނިންމައިފިއެވެ.
ޑިމޮކްރެޓްސްއިން މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއްގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
އެ ޕާޓީން މިފަދައިން ނިންމިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާ ދެ ބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ނަޝީދާއި ފައްޔާޒް ބައްދަލުކުރެއްވީ މެންދުރުގެ ކެއުމަކަށެވެ. ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
“ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން.” ފައްޔާޒް އޭނާގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ފައްޔާޒަކީ ކުރިން ވަރަށް ގާތްކޮށް އެމްޑީޕީގެ އެކި މަސައްކަތްތައް އެކުގައި ކުރެއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ހީނަރުވެ ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ އެމަނިކުފާނަށް ތާއީދުކުރެއްވި ބޭފުޅުންނާއެކު ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީއެވެ.
ޑިމޮކްރެޓްސްގެ ފަރާތުން މިދިޔަ ރިޔާސީ އިބްތިހާބުގައި ރައީސް ނަޝީދުގެ ތާއީދާއެކު އިލްޔާސް ލަބީބް ކުރިމަތިލެއްވި ނަމަވެސް އެ ޕާޓީއަށް އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ފަހުން ރައީސް ނަޝީދު ސިޔާސީ މައިދާނުން ދުރަށް ވަޑައިގެން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އެހެންނަމަވެސް މި ފަހުން އަނެއްކާ ވެސް ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސ އިބްތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ޚިޔާލުތައް