ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުން ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުންވެސް ކޮށްފިއެވެ.
މިދިޔަ މާޗު 20 ގައި ޝަމްއާން މަގާމުން ވަކިކޮށް، އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާން ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.
ޝަމްއާން ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މާރިޗް 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އޭޕްރިލް ހައެއްގައި ވަނީ އަމުރުކޮށްފައެވެ.
މިއާއެކު އެ އަމުރު ބާތިލްކޮށްދޭން އެދި ޝަމްއާންގެ ފަރާތުން ހައިކޯޓަަށް ހުށަހެޅިއެވެ. ނަމަވެސް އެ އަމުރު ބާތިލް ކުރާނެ ތަނެއް ފެންނަން ނެތް ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އޭޕްރިލް 29ގައި ވަނީ ހުކުމް ކޮށްފައެވެ.
އެހެންވެ ޝަމްއާންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެކަމަނާގެ ރައުޔު އިއްވަމުން ވިދާޅުވީ، ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތާއިދުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ތާއިދު ކޮށް ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ނިންމުމެއް ކަަމަށް ދެކެ ވަޑައިގަންނަވާ ކަމަށެވެ.
ޝުޖޫންގެ ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު ތާއިދު ކުރައްވައެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ޝަމްއާން ގެއިން ބައި މިލިއަނެއްހާ ނަގުދު ފައިސާ ފެނިފައިވާއިރު، އެއީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އަދި، އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފައި ވެއެވެ.
މިގޮތުން ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަަށް އަންނާނެއެވެ.
އަދި ބިދޭސީ މީހާގެ އަތުން ފޭރިގަނެފައިވާ 500،000 (ފަސްލައްކަ ދިވެހި ރުފިޔާ) އަށްވާ ބަދަލު އޭނާއަށް ނަގައިދިނުމަށް އެދިފައި ވެއެވެ.
ޝަމްއާންގެ މައްޗަށް އުފުލި ދެވަނަ ދައުވާގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އަދި މަނީ ލޯންޑްރިންގގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައި ވާއިރު، މި ކުށުގެ އަދަބަކީ /100,000ރ. -/1,000,000ރ. ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 (ފަހެއް) ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އަދި ޝައްމާން ލޯންޑާކޮށްފައިވާ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 250،000ރ. ދައުލަތަށް ނަގައިދިނުމަށާއި، މީނާ އަތުގައި ބެހެއްޓި ޖުމްލަ 400،000ރ ގެ ބާކީއަށްވާ 150،000ރ. ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން އެދިފައި ވެއެވެ.
އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.
ޚިޔާލުތައް