ޔުނައިޓަޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ ދަ އޭޝިއާ އެންޑް ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ދާއިމީ މަންދޫބު، ހުދާ އަލީ ޝަރީފް އެކަމަނާގެ މަގާމުހެ ފަތްކޮޅު އދ ގެ އަންޑާ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތައިލޭންޑުގެ ވެރިރަށް ބެންގްކޮކުގައި ހުންނަ އދ. ގެ ކޮންފަރެންސް ސެންޓަރުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ދާއިމީ މަންދޫބު ހުދާ ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޔޫއެންއެސްކެޕްއާއެކު ގުޅުން ބަދަހިކޮށް، އެ ޖަމުއިއްޔާގެ މަސައްކަތްތަކުގައި އިތުރަށް ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ޝައުގުވެރިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޔޫއެންއެސްކެޕް އާއެކު އިތުރު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ބައްދަލުވުމުގައި އެގްޒެކެޓިވް ސެކްރެޓަރީ ވަނީ ދާއިމީ މަންދޫބު ހުދާ އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއަރުވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ޔޫއެންއެސްކެޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ޔޫއެންއެސްކެޕްއަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގެ 53 މެމްބަރު ގައުމު ހިމެނޭ ކޮމިޝަނެކެވެ. މި ކޮމިޝަންގެ މައިގަނޑު އަމާޒަކީ ސަރަހައްދީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. މީގެ ތެރޭގައި އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށްވީ 1971 ގައެވެ. ދާއިމީ މަންދޫބު ހުދާ ރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ޤައުމަކަށް ވީ ފަހުން އެސްކެޕް އަށް ކަނޑައެޅުއްވި ފުރަތަމަ ދާއިމީ މަންދޫބު އެވެ. އަދި، މިއީ އެ މަގާމަށް އެކަމަނާ ކަނޑައެޅުއްވި ދެވަނަ ފަހަރެވެ.
ޚިޔާލުތައް