މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހު ނިންމާލެވޭނެ ކަމަށާއި މަސައްކަތްތެރިންނާއި މަތީތައުލީމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހައިދަރު އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މިނިމަމް ވޭޖްގެ މަސައްކަތާއި ގުޅޭގޮތުން މެންބަރުން ކުރި ސުވާލްތަކަށް ޖަވާބުދެއްވަމުންނެވެ.
ހައިދަރު ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި 2021 ވަނަ އަހަރުގެ ނޮވެންބަރު އަށްވަނަ ދުވަހު މިނިމަމް ވޭޖެ ތައާރަފުކުރި ފަހުން މިހާތަނަށް ރިވިއުކޮށްފައި ނެތް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ނިޔަލަށް އެ މުއްދަތު ހަމަވެފައިވިއިރު މުރާޖައާކޮށްފައި ނެތް ކަމަށް ވިދާޅުވިއެވެ. އަދި އޭރު އޮތް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު ވެސް ފެންނާން ނެތް ކަމަށެވެ.
2024ވަނަ އަހަރުގެ ނޮވެންބަރުގައި މި ސަރުކާރު އައިސް މިނިމަމް ވޭޖް އެޑްވައިޒަރީގެ އައު ބޯޑެއް އެކުލަވައިލިކަމަށާއި އެހެންކަމުން ކުރީގެ ބޯޑުގެ މުހިންމު ލިޔެކިޔުންތައް އައު ބޯޑާ ހިއްސާކުރުމަށް ވެސް ވަގުތުކޮޅެއް ނަގާނެކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިނިމަމްވޭޖަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ އެއްޗެއް ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރަމުން ދަނީ އެ ދިރާސާ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭތޯ ކަމަށް ވިދާޅުވިއެވެ.
ޚިޔާލުތައް