ތެލެސީމިއާ ދެ ކެރިއަރުން ކައިވެނިކުރުމުގެ ކުރިން ވަކި ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭނެ ގޮތަށް ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކައިވެނި ކުރަން އެދޭ ދެ ފަރާތުން ކައިވެނި ކުރުމުގެ ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާއަށް ހުށަހަޅަން ވާނީ ތެލަސީމިއާއަށް ޓެސްޓު ކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކު ކަމަށެވެ.
ކައިވެނި ކުރުމަށް ހުށަހަޅާ ދެ ފަރާތުގެ ތެލަސީމިއާ ޓެސްޓުގެ ނަތީޖާއަށް ބަލާ އެ ދެ ފަރާތަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައި ވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފަހުކަމަށާއި އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭ ފަރާތްތަކާއި އެ ޕްރޮގްރާމުގައި ހިމަނަން ޖެހޭ ބައިތައް ގަވައިދުގައި ބަޔާންކުރަންވާނެކަމަށް ހުށަހަޅާފައިވާ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާން ކުރުމަށް ވެސް އިސްލާހުގައިވެއެވެ. އެ މަގާމަށް އައްޔަން ކުރާ ފަރާތްތަކުގެ ޝަރުތުތަކާއި އެ މަގާމަށް ނަގާ ފަރާތެއްގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އިސްލާހުގައި ވިދާޅުވެފައިވަނީ އެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލާ ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރަން ވާނެ ކަމަށެވެ. އަދި އެ ގާނޫނަށް ގެންނަ އިސްލާހަށް އަމަލު ކުރާނީ ގާނޫނު ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެން ކަމަށް ވިދާޅުވެފައިވެއެވެ.
ޚިޔާލުތައް