“ރަށު މާރުކޭޓު” ސަރަހައްދުގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 37 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1ގައި ހުންނަ “ރަށު މާރުކޭޓު”ގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.
އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަދި މީގެ ތެރޭގައި 10 ފިރިހެނުންނާއި 05 އަންހެނަކު ހިމެނޭ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
މިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ޚިޔާލުތައް