ގައުމީ އެއާލައިން މޯލްޑިވިއަންގައި ދަތުރުކުރާއިރު ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފިއެވެ.
މޯލްޑިވިއަންއިން ނެރިފައިވާ ޓެރެވަލް އެޑްވައިޒަރީގައި ވިދާޅުވެފައިވަނީ އެ އެއާލައިންގެ ހުރިހާ ބޯޓެއްގައި ވެސް ދަތުރުކުރާއިރު ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެކަން މަނާކުރީ ފްލައިޓްގެ ޕަސެންޖަރުންނާއި ކުރޫއާއި ބޯޓުގެ ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.
އެ އުސޫލަށް އަމަލު ކުރަން ފަށާނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ކަމަށް ވެސް މޯލްޑިވިއަންއިން ވިދާޅުވެފައިވެއެވެ.
ޕަވާ ބޭންކާއި ގުޅިގެން އެޅި އިތުރު ފިޔަވަޅުތަކަކީ:
- ކޮންމެ މީހަކަށް ގެންދެވޭނީ 2 ޕަވާ ބޭންކް
- ޕަވާާ ބޭންކްގެ ކެޕޭސިޓީ ހުންނަން ޖެހޭނީ 100 ވޮޓް-އަވާގައި
- ޕަވާ ބޭންކް ސީޓްގެ މަތީ ސްޓޯރޭޖް ބަޔަށް ލުމަކީ މަނާކަމެއް
- ފްލައިޓްގައި ޕަވާ ބޭންކް ބޭނުންކޮށްގެން އެއްވެސް ޑިވައިސްއެއް ޗާޖްކުރުން މަނާ
- ފްލައިޓްގައި ޕަވާ ބޭންކް ޗާޖްކުރުން މަނާ
މޯލްޑިވިއަންއިން ވިދާޅުވެފައިވަނީ ފްލައިޓްގައި ޕަވާ ބޭންކް ބަހައްޓަން ވާނީ އަތުގައި ނޫނީ ސީޓް ދަށުގައި ނޫނީ ސީޓް ޕޮކެޓުގައި ކަމަށެވެ.
ޕަވާ ބޭންކް އުފުލަން ވާނީ އޮރިޖިނަލް ޕެކިންގައި ނުވަތަ އިންސިއުލްކޮށްގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއީ ކަރަންޓު ޝޯޓްވުމަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ކަމަށް މޯލްޑިވިއަންއިން ވިދާޅުވެފައިވެއެވެ.
މޯލްޑިވިއަންއިން ވިދާޅުވީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޚިޔާލުތައް