ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ބިގް) އިން ދައުލަތަށް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ބިގުން ޓެކްސް ނުދައްކައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ބިގުން ދައުލަތަށް ދައްކަންޖެހޭ ކަމަށް މީރާއިން ކޯޓުގައި ބުނެފައިވަނީ، ޖީ.އެސް.ޓީގެ ގޮތުގައި 1،023،561.04 ރުފިޔާއެވެ. ޝަރީއަތުގެ ތެރެއިން ބިގުން ވެސް ވަނީ އެ ފައިސާއަކީ އެ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފައެވެ.
އެހެންކަމުން މީރާއިން ހުށަހެޅީ ބިގުން ޓެކްސް ނެގޭ މުއްދަތަކާ ގުޅިގެން ޖިއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، މި ފައިސާ ފަސް މަސްދުވަސްތެރޭ ދެއްކުމަށް އަންގައި ހުކުމްކޮށްދިނުމަށެވެ.
ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން، ބިގުން މި ފައިސާ މި ހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން ޖެހެއެވެ.
ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް މީރާއިން ދަނީ އެކި ގޮތްގޮތުން ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ޓެކްސް ބަޔާން ހުށަހެޅުމަށް އަންގާ ނޯޓިސް ފޮނުވުމަށްފަހުވެސް އިޖާބަ ނުދޭ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަމުންނެވެ. މިދިޔަ އަހަރު އެކަނިވެސް ޓެކްސް ބަޔާން ހުށަހެޅުމަށް 52،158 ފަރާތަކަށް ނޯޓިސް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އިޖާބަ ދީފައިވަނީ 4،311 ފަރާތަކުންނެވެ.
މިދިޔަ އަހަރު ޝަރުއީ މަރުހަލާގެ ތެރެއިން 55 މައްސަލަ މީރާއާ އެއްކޮޅަށް ނިމިފައިވެއެވެ.
ޚިޔާލުތައް