ގދ. ތިނަދޫ ކައުންސިލް ހިންގުން އަލުން މޭޔަރު ސައުދު އަލީއާ ހަވާލުކޮށްފި ނަމަ، އެކަން ވާނީ ކޮރަޕްޝަނާއި ޖަރީމާތަކަށް ހުޅުވާލެވޭ އިތުރު މަގަކަށް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.
ތިނަދޫގެ މޭޔަރަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށް އެ ކައުންސިލްގެ އެހެން މެމްބަރުންނާ ދެކޮޅަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފިޔަވަޅު އެޅީ އެލްޖީއޭ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ސައުދުﷲ ވިދާޅުވީ އެލްޖީއޭއިން މޭޔަރު ސައުދު އަލީއާ ބެހޭ ގޮތުން ހިންގި އިންކުއަރީއިން ވަރަށް ގިނަ ކަންތައްތަކެއް ފެންމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި، މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ގާނޫނާއި ގަވައިދާ ހިލާފު އެތައް ކަމެއް ކުރުވި ކަމާއި، ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމާއި، ކައުންސިލްތަކުގެ ބެލެނެވެރި ފަރާތް ކަމުގައިވާ އެލްޖީއޭއަށް ގޮންޖަހައި ނޭއްގާނީކަން ދެއްކުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ފުރައްސާރަކޮށް، އެމީހުންގެ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތައް ހިންގެވިކަން ވެސް އެ އިންކުއަރީއިން ސާފުވި ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
މޭޔަރު ސައުދު އަލީއާ ގުޅޭގޮތުން ފުލުހުން ކުރަމުންދާ ތަހުގީގުގެ ތެރޭގައި ދައުލަތުގެ އެކިއެކި ފަރާތްތަކަށް ދޮގު މައުލޫމާތު ދިނުމާއި، އެތައް ބައެއްގެ ޝަހުސު އޮޅުވާލައި މަކަރާއި ހީލަތް ހަދާފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. މީގެ އިތުރުން، އޭސީސީއިން ހިންގާ ތަހުގީގުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާކަން ޔަގީންކުރެވޭ ވަރަށް ލިޔުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.
ސައުދުﷲ ވިދާޅުވީ، މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އަދި ތަހުގީގުތަކުން ކުށްތަކެއް ފެނިފައިވާ ފަރާތަކަށް އަލުން ތިނަދޫ ކައުންސިލް ހިންގުމަށް އެންމެ އިސްވެރިޔާގެ ގޮތުގައި ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެއީ އިތުރު ކުށްތަކަށް މަގުފަހިކޮށް، ޖަރީމާ ހިންގަން ދެވޭ ފުރުސަތަކަށް ވެދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސަރުﷲ އަލީ އެއް މަސް ދުވަހަށް ސަސްޕެންޑްކޮށް، ކައުންސިލުން މެންބަރުންނަށް އެލްޖީއޭއިން ވަނީ ފިޔަވަޅުއަޅާފައެވެ.
މޭޔަރު ސައުދުއަލީގެ މޭސްތިރިކަމުގައި ކައުންސިލަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ތިނަދޫގެ ރައްޔިތުންގެ ރަށްވެހިކަން ބަދަލުކުރުމަށް އެދިއްޖެނަމަ 5000ރ. ގެ ފީއެއް ނެގުމާއި އެލްޖީއޭގެ އަމުރަށް ގޮންޖެހުމާއި، އެލްޖީއަށް ދޮގު މައުލޫމާތު ފޯރުކޯށްދިނުން ހިމެނެއެވެ.
ހަމައެއާއެކު ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސް ޖީޒާ ހަސަން ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދާ ހިލާފަށް އޮންލައިންކޮށް ޖަލްސާތަކުގައި ބައިވެރިވެ، އެ ޖަލްސާތަކުގެ އެލަވަންސް ނުހައްގުން ނަގާފައިވާ އިރު ވެސް އެކަން ބަލައި ފިޔަވަޅު އެޅުމަށް ތިނަދޫ ކައުންސިލުން އިހްމާލުވި ކަމަށް ތުހުމަތު ކުރެވެއެވެ.
ޚިޔާލުތައް