ހަތަރު ފުރޮޅުލީ އުޅަނދު އެތެރެ ކުރާނަމަ ހުއްދައަށް އެދެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން މިއަދު ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުގެ ދަށުން، ޖުލައި 13 ވަނަ ދުވަހުން ފެށިގެންހުރިހާ ހަތަރުފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ، އެ ވުޒާރާއިން ދޫކުރާ އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން މިފަދަ އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި، އެ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އަދި، އެ ދުވަހުގެ ފަހުން ރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވައިދުގައި ބުނާ ގޮތުން އުއްގަމުގައި ދުއްވާ އިންޖީނުލީ ކޮންމެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނީ “އެއްގަމު ހިދުމަތަށް އެދޭ ފޯމު” މެދުވެރިކޮށް، އެއްގަމު އުޅަނދު ފަހަރުގެ ރަޖިސްޓްރާރަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތަށް ކަމަށެވެ.
އުޅަނދު ރަަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ފުރިހަމަ ކޮށްފައިވާ އެއްގަމު އުޅަނދުގެ ހިދުމަތަށް އެދޭ ފޯމް، އުޅަނދު ރާއްޖެއަށް އެތެރެ ކުރުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ، އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ އުޅަނދެއްނަމަ، ޑިއުޓީ ދެއްކި ކަމުގެ ލިޔުން، ރޯޑްވާދިނަސް ރިޕޯޓް،A1, A0 ގިންތީގެ އުޅަނދު ފިޔަވައި އެހެނިހެން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނަމަ، އެއުޅަނދެއް ގަރާޖު ކުރުމަށް ކަމާ ބެހޭ އިދާރާއަކުން ދޫކޮށްފައިވާ ގަރާޖު ކުރުމުގެ ހުއްދަ، ކުންފުންޏެއްގެ އަމިއްލަ ބޭނުމަށް ރަޖިސްޓްރީ ކުރާ އުޅަނދެއް ނަމަ، އެކަން އެނގޭނެ ކުންފުނީގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މިލިޔުންތައް ހުށަހެޅި ނަމަވެސް ހުއްދަ ދެވޭނީ އުމުރު ހަމަނުވާ އުޅަނދުތަކަށް ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.
މިނިސްޓްރީން މި އިސްލާހު ގެނެސްފައިވާއިރު، އާންމު ގޮތެއްގައި ވެހިކަލްތައް ރާއްޖެއަށް އެތެރެ ކުރާ ފަރާތްތަކުން، ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކުރިން އެއުޅަނދެއް ބާއްވަނީ މަގުތަކުގައެވެ. މިކަމުގެ ސަބަބުން މަގުގެ ތޮއްޖެހުން އޮންނަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެން ކަމުން މި ގެނެވުނު އިސްލާހާއި އެކީ، އުޅަނދެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން، އެ އުޅަނދެއް ބާއްވާނެ ގަރާޖް، ޝޯރޫމް ނުވަތަ ހުސް ބިން މިނިސްޓްރީއަށް ދައްކަން ޖެހޭނެއެވެ.
ޚިޔާލުތައް