ގުޅީފަޅުން ގޯތި ދީފައިވާ ފަރާތްތަކުގެ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ގާނޫނާއި ފުށޫ އަރާތީ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު ބިންވެރިޔާ ސްކީމްގެ ދަށުން އެތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް އެ ވުޒާރާއިން ހުޅުވާލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހެވެ. އެއާއިއެކު އެ ގޯތީގެ އެއްބަސްވުންތަކަށް “ނުރައްކާތެރި” ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
އެ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ.
“ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ.” މުއްތަލިބް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެ މާއްދާގެ ސްކްރީން ޝޮޓްތަކެއް ވެސް ހިއްސާކޮށްފައެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ވިދާޅުވެފައިވަނީ ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ ކަމަށެވެ.
އެ މާއްދާގެ (ނ) ގައި ވިދާޅުވެފައިވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވިދާޅުފައި ވެެއެވެ.
ޚިޔާލުތައް