ބެލްޖިއަމްގައި ޤާއިމުކޮށްފައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓެއް މިދިޔަ ބުދަ ދުވަހު ބާއްވައިފިއެވެ.
‘ދަ އެންޗާންޓިންގް ޓްރިއޯ’ ނަމުގައި މި އިވެންޓު ބާއްވާފައިވަނީ ބެލްޖިއަމްގައި ޤާއިމުކޮށްފައި ހުންނަ ބޫޓާން އަދި ސްރީލަންކާ އެމްބަސީ އާ ގުޅިގެން ‘ދެ ވަރަންޑޭ’ ކުލަބުގައެވެ.
ދިވެހިރާއްޖެއިން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޤީލާ އަލީ، މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގެ ހިއްސާ އަކީ 59 އިން ސައްތަ ކަމުގައި ފާހަގަކުރައްވާ، 2025 ގެ 2.3 މިލިއަން ފަތުރުވެރިކަމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ޔޫރަޕުގެ ގައުމުތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަހައްޓަވާ ޝައުގު ވެރިކަން އަދިވެސް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް ހުރިކަމުގައި ވިދާޅުވެ، ސަރުކާރުން ހަމަޖައްސަވާފައިވާ ނިޒާމު ހާމަކޮށްދެއްވިއެވެ.
މި އިވެންޓުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި، ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މިސް ޕައޯލާ ޕަމްޕަލޯނީ، މި އިވެންޓުގައި ބައިވެރިވެފައިވާ ތިން އެމްބަސީއަށް މަރުހަބާ ވިދާޅުވެފައިވެއެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން، ބޫޓާން، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ޕްރޮމޯޓުކުރުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެރުވިއެވެ.
މި އިވެންޓުގައި ބެލްޖިއަމް ފޮރިން މިނިސްޓްރީއާއި ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމްގައި ގާއިމުކޮށްފައިވާ ސަފީރުތަކުގެ އިތުރުން ބެލްޖިއަމްގެ ޓުއަރ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ. އަދި މި އިވެންޓުގައި ނެގި ‘ރެފްލް ޑްރޯ’ އިން ހޮވުނު ފަރާތްތަކުގެ ތެރެއިން ފްރަންސުއާ މެސަން އަށް ދިވެހިރާއްޖޭގެ ހޮލިޑޭ ހޯމް ގެސްޓް ހައުސް، ދިއްފުށި، ގައި 5 ރޭ ހޭދަކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
ޚިޔާލުތައް