A wide advertisement which will be shown on all devices. (700 x 100)

މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ފަށައިފި

ޑްރަގް އައްޑާއަކަށްވެ، ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގަމުންދިޔަ މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިން ފަށައިފިއެވެ.

މި މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމަށް ވަޒަންކުރެވޭތީ، އެ ތިން އިމާރާތްވެސް ތަޅާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިހާރު ފަށާފައިވަނީ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތެވެ.

މި މަސައްކަތަކީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، މަސައްކަތް ކުރިއަށްދާއިރު އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި ވަނީ މައާފަށް އެދިފައެވެ.

ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމް.އެން.އެސް.އެލް) ގެ އިމާރާތެކެވެ. އެ އިމާރާތް އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކުރަމުންދިޔަ އެންމެ ބޮޑު އެއް ޝަކުވާއަކީ، މި އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަންނަ ތަނަކަށްވެފައިވާ ކަމެވެ.

ފަހަކަށް އައިސް، އޯކިޑް ޕްލާޒާ އާއި ހައުސް ޕްލާޒާގައިވެސް ވަނީ ތަފާތު އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ. މީގެ ކުރިން އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މިފަދަ ހާދިސާތައް އާންމުކޮށް ހިނގަނީ އިމާރާތްތަކުގެ ތެރޭގައި ހުރި ކުނިބުނީގައެވެ. މި އިމާރާތްތައް ތަޅާލުމަކީ، މިފަދަ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ގަބޫލުކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !