ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ.
ކުތުބުޚާނާ ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ އިސްލާމީ ކުތުބުޚާނާތައް ބިނާ ކުރުމަށް ކުރާ މަސައްތަކަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލާދޭނެކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްތަކަކީ ދިވެހިންގެ ސަޤާފަތު އާ ޙަޟާރަތަކަށް ހޭލާ ހޭލުމެއްކަމަށާއި، ދިވެހިންގެ ދިރިއުޅުން އާ ސަޤާފަތަކަށް އެނބުރިގެންދާނެ މުހިއްމު ކަމެއްކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހި ޤައުމަށް މާނަވީ ބިނާކުރުމާއި މާއްދީ ބިނާ ކުރުން ގެނައުންކަމަށާއި މިއީ މިކަމުގައި އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްވެސް އިސްލާމީ ބިނާގެ މަތީގައި ކުރިއަށް ގެންދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ ފޮތް ކިޔުމުގެ މުހިއްމުކަމާއި އިސްލާމީ ތާރީޚާއި ފޮތްތަކާއި އަދި އިސްލާމީ ކުތުބުޚާނާތަކާއި ގުޅޭ މުހިއްމު ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ވުޒާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ދެންދަވާ ކަމެއްކަމުގައެވެ.
މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވަވާފައެވެ. އަދިހަމައެއާއެކު ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހަޤީޤަތަކަށްވެ މިއަދު ހުޅުވިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކުކަމަށާއި މިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޚިޔާލުތައް