މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ދައުރު ހަމަވާ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން، ނިއުމާތު ޝަފީގުގެ ދައުރު، އިތުރު ފަސް އަހަރަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގަމުންދާ ޖަލްސާގައި ވަނީ، މިކަމަށް ގޮތެއް ކަނޑައަޅައިދެއްވުން އެދި ރައީސް ފޮނުއްވާފައިވާ ސިޓީ، ތަޅުމުގައި އިއްވަވާފައެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރުމަށް، ރިޔާސަތުން ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުއްވާފައެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 113 ވަނަ މާއްދާގެ ދަށުން، އުފައްދާފައިވާ މިނިވަން މުސްތަގިއްލު އިދާރާއެކެވެ. އެ އޮފީހުގެ މަސައްކަތްތައް ރަސްމީކޮށް ފެށިފައިވަނީ 23 ޖުލައި 2020 ގައި، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަނުކުރެއްވި ފަހުންނެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން އާއި އޮމްބަޑްސްޕާސަންގެ އޮފީސް އުފެދިފައިވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ތަންފީޒުކުރާ މިންވަރު މޮނީޓާ ކުރުމަށެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ އެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އެ އޮފީހުން ބާރުއަޅައަން މަތިކޮށްފައިވެއެވެ.
ޚިޔާލުތައް