A wide advertisement which will be shown on all devices. (700 x 100)

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މާލެ ސިޓީގައި ހާހަކަށްވުރެ ގިނަ ރޯޑް އެކްސިޑެންޓް ހިނގައިފި

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ މާލޭ ސިޓީއާއި ސިނަމާލެ ބުރިޖާއި ހައިވޭގައި 1101 އެކްސިޑެންޓު ހިނގައިފައިވާއިރު، އޭގެ ތެރެއިން 61 އެކްސިޑެންޓުގައި މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުން ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ޖެހި، ޕިކަޕެއްގައި ވެސް ޖެހި، ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. އެ ހާދިސާގައި ސައިކަލުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، ކަފިހި ހުރަހުން ދުވެފައި ދިޔަ 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.

މަރުވި ކުއްޖާއަކީ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ.

ފާއިތުވި ދުވަސްތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވާއިރު، މިއަދު ފުލުހުން ވަނީ މާލެއާއި ބުރިޖު މަތީގައި މިދިޔަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ހިނގި އެކްސިޑެންޓުތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮންމެ މަހަކު ވެސް 150 އާއި 200އާ ދެމެދުގެ އަދަދަކަށް އެކްސިޑެންޓުތައް ހިނގައިފައިވެއެވެ.

އެ އެކްސިޑެންޓުތަކުގައި ލިބުނު އަނިޔާތަކުގެ އަދަދު 121އަށް އަރާއިރު، އުޅަނދުތަކަށް ލިބުނު ގެއްލުމުގެ އަދަދު 1107އަށް އަރައެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާގެ ހާދިސާތައް 61އަށް އަރާއިރު ސީރިއަސް ނޫން 1040 އަނިޔާތައް އެކި މީހުންނަށް ލިބިފައިވެއެވެ.

އެ ނަންބަރުތަކުން ދައްކާ ގޮތުގައި 17 ޕަސެންޓް އެކްސިޑެންޓު ހިނގީ ސިނަމާލެ ބުރިޖުގައި ކަމަށްވާއިރު 83 ޕަސެންޓް އެކްސިޑެންޓު ހިނގީ މާލޭގައެވެ. އަދި ގިނަ އެކްސިޑެންޓުތައް ހިނގައިފައިވަނީ ދުވާލު ގަޑީގައެވެ. އެގޮތުން 356 އެކްސިޑެންޓް (32 ޕަސެންޓް) ހިނގީ ރޭގަނޑު ކަމަށްވާއިރު، 745 އެކްސިޑެންޓު (68 ޕަސެންޓް) ހިނގައިފައިވަނީ ދުވާލު ގަޑީގައެވެ.

ފުލުހުން ވަނީ އެންމެ ގިނައިން ހިނގާ ބާވަތްތަކުގެ އެކްސިޑެންޓުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން އެންމެ ގިނައިން އެކްސިޑެންޓުވާ ކަމަށް ފާހަގަކޮށްފައިވަނީ ސައިކަލާއި ކާރެވެ.

ފުލުހުން ވަނީ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެންމެން ވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަގުތައް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެދިފައެވެ.

ރޭ ހިނގި އެކްސިޑެންޓުގައި މަރުވި އަލްސަންގެ ކަށުނަމާދު މިއަދު ބާއްވައިފައިވާއިރު، ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ، އެ އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި އެޑްމިޓުކޮށްގެން ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލް ހިއްސާ ނުކުރެއެވެ.

އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާގެ މޫނުގެ ކަށިތައް ފްރެކްޗާވެ، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް “ސަން”އަށް މައުލޫމާތު ލިބިފައިވެއެވެ.

މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.

މިދިޔަ އަހަރު ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގުމާ ގުޅިގެން ޓްރެފިކް ބެލުމަށް މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް ސެޕްޓެންބަރު މަހު ބުންޏެވެ.

އެ ފިޔަވަޅުތަކާ ގުޅިގެން އެއިރު އެކްސިޑެންޓުތައް މަދުވި ކަމަށް ވެސް ތަފާސްހިސާބުން ދެއްކިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !