އައްޑޫ ސިޓީ މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ‘ފަތަމާ ހިނގާ ޕްރޮގްރާމް ނިންމައި، ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިއީ ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އަދި އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިދިޔަ ޖޫން މަހުގެ 26 އިން ޖުލައި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެ ސްކޫލު ދަރިވަރުން އެކުގައި ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ދެ ސްކޫލްގައި ވެސް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެގޮތުން މަރަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު އޮތީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝަމީމްއެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލު ޕްރިންސިޕަލް ޑރ. ޢަބްދުލް ލަތީފު އަލީއާއި، މަރަދޫ ކައުންސިލަރ އަޙްމަދު ނާދިރުއާއި، ގަން ޕޮލިސް ސްޓޭޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާތިފާ ހަސަންއާއި، ސުވިމިންގ ކޯޗު ނައުފަލް މޫސާ އަދި ސުވިމިންގައި އިސްކޮށް މަސައްކަތްކޮށްދެއްވި އެންހައި ފުލުހުންނާއި ސްކޫލް މެނޭޖްމަންޓް އަދި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
މަރަދޫ ސްކޫލުގެ ޖުމްލަ 236 ދަރިވަރުން ބައިވެރިވި މި މުބާރާތުން 180 ދަރިވަރުން ވަނީ 50 މީޓަރަށް ފަތައިގެން ސުވިމިންގ އެސޯސިއޭޝަންގެ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ އިތުރުން 25 މީޓަރަށް ފަތާފައިވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ހަނދާނީ ލިޔުން ދީފައިވެއެވެ.
އިރުޝާދިއްޔާ ސްކޫލު ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިރުޝާދިއްޔާ ސްކޫލު ޕްރިންސިޕަލް ޑރ. މުހައްމަދު ނާސިރުއެވެ. އެ ރަސްމިއްޔާތުގައި ވެސް މަރަދޫ ކައުންސިލަރ އަޙްމަދު ނާދިރުއާއި، މަރަދޫފޭދޫ ކައުންސިލަރ ޚާލިދާ މުހައްމަދުއާއި، ގަން ޕޮލިސް ސްޓޭޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާތިފާ ހަސަންއާއި، ސުވިމިންގ ކޯޗު ނައުފަލް މޫސާ، އަދި ސުވިމިންގައި އިސްކޮށް މަސައްކަތްކޮށްދެއްވި އެންހައި ފުލުހުންނާއި ސްކޫލު މެނޭޖްމަންޓް އަދި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
އިރުޝާދިއްޔާ ސްކޫލު ޕްރޮގްރާމުގައި ޖުމްލަ 120 ދަރިވަރުން ބައިވެރިވެފައިވާއިރު، 90 އަށްވުރެ ގިނަ ދަރިވަރުން 50 މީޓަރަށް ފަތައިގެން އެސޯސިއޭޝަންގެ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. އަދި 25 މީޓަރަށް ފަތާފައިވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވެ ފަތަން ދަސްކޮށްފައިވާ ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް މި ރަސްމިއްޔާތު ތަކުގައި ހަނދާނީ ލިޔުންދީފައިވެއެވެ.
މިއީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މި އަހަރުގެ ތެރޭގައި ގަން އޭރިޔާގެ ސްކޫލު ދަރިވަރުންނަށް ހިންގުމަށް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އަހަރުގެ ކުރީކޮޅު ފަތަމާ ހިނގާ ޕްރޮގްރާމް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ފޭދޫ ސްކޫލުގައެވެ. އެ ޕްރޮގްރާމުގައި 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ ފަތަން ދަސްކޮށްފައިވެއެވެ.
މި ޕްރޮގްރާމް ގަން ޕޮލޮސް އޭރިޔާގެ ތިން ސްކޫލުގައި ކާމިޔާބު ކަމާއެކު ނިންމާލާފައިވާތީ އެކަމުގެ އަގު ވަޒަންކޮށް ގަން ޕޮލިސްޓޭޝަންގެ ފަރާތުން ހާއްސަ ހަނދާނީ ފިލައެއް ކޯޗު ނައުފަލް މޫސާއަށް އަރުވާފައިވެއެވެ. މި ޕްރޮގްރާމަށް ސްކޫލު ތަކުންނާއި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.
ޚިޔާލުތައް