ލ. މާވަށުން މީހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
މާވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް އުމުރުން 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަނދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގައި އިއްޔެ ހެނދުނު ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން ވމޫސަގެ ކަރަށް ވަޅިން ހަމަލާދިން ކަމަށް ކޯޓުގައި މުޙައްމަދު އެއްބަސްވެސް ވެފައިވާކަމަށް ބައެއް މިޑިއާތަކުން ވަނީ ރިޕޯޓްކޯށްފައެވެ. މާރާމާރީގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީވެސް މުޙައްމަދު ކިޔައިދީގެން ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެންނެވެ.
މަރުވި މޫސައަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި ހައްޔަރުކޮށްފައިވާ މުޙައްމަދަކީ މަސްތުވާތަކެތި ބޭނުންކުރާ އެކަމުގެ ކުށުގެ ރެކޯޑުވެސް އޮތް މީހެކެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން މިހާރުވަނީ މޫސާ އިބްރާހީމްގެ ހަށިގަނޑު މިއަދު މާލެއަށް ގެނެސްފައެވެ.



ޚިޔާލުތައް