ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވައިފިއެވެ.
ޖައްވުގައި އެނބުރޭ ސްޕޭސް ސްޓޭޝަނަށް (އައިއެސްއެސް) އަށް ފޮނުވި ބަރުގަސް އޮށްތައް ނެގީ ހދ. ކުޅުދުއްފުށި އަދި ނ. ކެނދިކުޅުދޫ ކުޅިންނެވެ. އެ އޮށްތައް ނާސާއާ ހަވާލު ކުރީ މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުންނެވެ.
އެމްއެސްއާރުއޯ އިން ބުނީ މިއީ ގްލޯބަލް ސްޕޭސް އެގްރިކަލްޗާ ރިސާޗަށް ރާއްޖޭގެ މުހިއްމު ހިއްސާއެއް ކަމަށެވެ. ރާއްޖޭގެ ކަނޑޫފާތަކުން ނެގި އޮށްތަކާ އެކު ނާސާގެ ޖައްވީ އުޅަނދު އިއްޔެ ވަނީ ޖައްވަށް ފުރާފައެވެ.
ބަރުގަސް އޮށްތައް ޖައްވަށް ފޮނުވީ ވޯލްޑް ސީޑް މިޝަންގެ ދަށުންނެވެ. މި ފަހަރު 11 ގައުމަކުން އެކި ބާވަތުގެ އޮށް ސްޕޭސް ސްޓޭޝަނަށް ފޮނުވިއެވެ.
މި މިޝަންގެ ދަށުން ހާއްސަ ހާލަތްތަކުގައި މި އޮށްތަކަށް އަންނަ ބަދަލުތައް ދިރާސާކުރާނެއެވެ. އެގޮތުން މައިކްރޯ ގްރެވިޓީގެ ހާލަތުގައި ޖީން އެކްޓިވޭޝަން އަދި މެޓަބޮލިކް ޕާތުވޭ ފަދަ ކަންތައްތައް ބަލާނެއެވެ. އަދި ޖައްވަށް ފޮނުވާލި އޮށްތައް އަލުން ދުނިޔެއަށް ގެނެސް އެ ތަކެއްޗަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރާނެއެވެ.
މި ދިރާސާއަކީ ގަސްގަހާގެހީގެ ވިލުންވެރިކަން އިތުރުކޮށް، ދިގު މުއްދަތުގެ ސްޕޭސް މިޝަންތަކަށާއި ބިމުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ގަސްކާނާ ރައްކާކުރުމުގެ ޓެކްނިކްތައް ކުރިއެރުވުމަށް މުހިންމު ދިރާސާއެއް ކަމަށް އެމްއެސްއާރުއޯ އިން ބުނެއެވެ.
މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނަކީ 2022 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.



ޚިޔާލުތައް