ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަން އަނބުރާ ނަގައި ދިނުމަށް އެދިވަޑައިގެން އޭނާ ޖޭއެސްސީ އަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ އޭނާއަކީ ހައި ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުން އެ މަގާމަށް ހޮވިފައިވާ ބޭފުޅެއް ކަމަށެވެ.
ސިޔާސީ މަގާމެއް އަދާކުރައްވާފައިވާ ބޭފުޅަކަށްވާތީ، ސިޔާސީ ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު އޭނާ ސިފަކޮށް މަގާމާ ހަވާލުވެއްޖެ ނަމަ، ޖުޑިޝަރީގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އާއި ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނުދިނުމުގެ ގޮތުން ޖޭއެސްސީން އޭނާ ހޮވި ނަމަވެސް ރައްޔިތުންގެ މެދުގައި ޖުޑިޝަރީއަށް އޮންނަ އިތުބާރާއި މުސްތަގިއްލުކަން ދެމެހެއްޓުމުގެ މާތް މަގްސަދުގައި އެޕްލިކޭޝަން ބާތިލްކޮށް ދެއްވައި ނަން އަނބުރާ ނެގުމަށް އަދަބުވެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.
“މި ފުރުސަތުގައި ތިޔަ ކޮމިޝަންގެ ފަރާތުން އަޅުގަނޑު ހޮއްވަވައި ދެއްވީތީ ނުހަނު ޝުކުރު ދަންނަވަމެވެ. އަދި މި ނިންމުމުގެ ސަބަބުން ތިޔަ ކޮމިޝަނުން އުފުއްލަވަން ޖެހިވަޑައިގެންނެވި ތަކްލީފަށް އިންތިހާއަށް މާފަށް އެދެމެވެ،” ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެއްވެސް ބައެއްގެ އަތެއް އެ ކަމުގައި ނޯންނާނެ ކަމަށެވެ. ޝަހީދުވަނީ ވަކީލުކަމުގައި ފަސް އަހަރު ހޭދަކުރައްވައިފައެވެ.
ޝަހީދު ވަނީ ހައި ކޯޓަށް އޭނާ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރަން މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް ޖޭއެސްސީ އަށް އަންގަވައިފައެވެ.
ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޖުލައި 30، 2018 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 23، 2023 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ މުހައްމަދު ޝަހީދު ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައެވެ. ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
ޚިޔާލުތައް