A wide advertisement which will be shown on all devices. (700 x 100)

ފާއިތުވި ދެ ދުވަހު މާލޭގެ ތިން ސަރަހައްދަކުން، 1.75 ޓަނުގެ ކުނި ނަގައިފި

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާއި، ދިވެހި ފުލުހުން ގުޅިގެން ކުރި ހާއްސަ މަސައްކަތެއްގައި، ފާއިތުވި ދެ ދުވަހުގެ ތެރޭގައި، މާލޭގެ ތިން ސަރަހައްދަކުން، 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފި ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މި މަސައްކަތްކޮށްފައި ވަނީ، މާލެ ސާފު ތާހިރުކޮށް ބޭއްވުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަޤްސަދުގައި ކަމަށެވެ. އަދި މި މަސައްކަތުގެތެރެއިން، ކުނި ނަގައިފައިވާ މާލޭގެ ތިން ސަރަހައްދަކީ، ބާޒާރުމަތީ، ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓްމަތީގެ އިތުރުން، އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއްކަމަށްވާ، އާބުރުޒު މަގު، ފުއްކަފަ ގޯޅި ކަންމަތިން ކަމަށްވެސް ވިިދާޅުވެފައިވެއެވެ.

މާލެ ސިޓީގެ، ކޮންމެ މަގަކީ ވެސް ސާފު ތާހިރުކޮށް އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެއް ކަމަށާއި މަގުތަކަށް އަޅާ ކުނި، ކާނުތަކަށް އެޅި، ކާނުތައް ބެދި، ވާރޭވެހޭ ދުވަސްވަރު، މަގުތަކުން ފެން ނުހިދުމުން، އޭގެ ދަތިކަން ރައްޔިތުންނަށް، އިންތިހާއަށް ކުރިމަތިވާކަންވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ފުލުހުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، މޭޔަރ އާދަމް ޢާޒިމް ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން، ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ގޮތުން މާލެ، ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާ ކަމަށެވެ.

ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން މާލެ ސިޓީގެ ކުނި މެނޭޖުކޮށް، ސާފު، ރީތި، ހިތްގައިމު، ސިޓީއަކަށް ހެދުމަށް، މާލެ ސިޓީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް، މަގުތަކާއި ޕާކުތަކާއި މައިޒާން ތަކާއި އަދި ފަޅުތެރެއަށް ވެސް ކުނި ނޭއްޅުއްވުމަށް ރައްޔިތުންނަށް މޭޔަރ ޢާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !