A wide advertisement which will be shown on all devices. (700 x 100)

އަމާޒަކީ ގެދޮރުވެރިޔާ ފްލެޓް އެއްބަސްވުންތައް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމައި ހަވާލުކުރުން: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން ބުނީ، މި މަސައްކަތް މިހާރަށްވުރެ ހަލުވިކޮށް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް ނިންމައި، ފްލެޓްތައް ހަވާލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފެށިފައިވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މިހާތަނަށް 230 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ސޮއިކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ގުޅަމުންދަނީ، އެ ކޯޕަރޭޝަންގެ “ފަހި ޕޯޓަލް”ގައި ރެޖިސްޓާވެ، އެދެވޭ ލިޔެކިޔުންތައް ފުރިހަމަކޮށް އަޕްލޯޑްކުރަމުންދާ މިންވަރަކަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ކަނޑައަޅައި، އެއްބަސްވުން އެކުލަވާލުމަށްޓަކައި މިހާތަނަށް 2665 ފަރާތެއްގެ ނަން އެފްޑީސީއަށް ފޮނުވާފައިވެއެވެ. ވުޒާރާއިން ފޮނުވާ މި މައުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި، އެފްޑީސީން ވަނީ ދުވާލެއްގެ މައްޗަށް ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން، މި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރީންތައް ދީފައިވެއެވެ. މީގެ އިތުރުން، ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހުންނަ ޑެސްކްތައްވެސް އިތުރުކުރުމުގެ މަސައްކަތް އެފްޑީސީން ދަނީ ކުރަމުންނެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ “ފަހި ޕޯޓަލް”އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ. ލިޔެކިޔުންތައް ފުރިހަމަވުމުން، ސޮއިކުރަން ދާންވީ ދުވަހާއި ގަޑި އެފްޑީސީން އަންގަމުންދާނެއެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ ފަރާތްތަކާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓް ހަވާލުކުރުމަކީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ހިފާފައިވާ މުހިއްމު އަމާޒެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !