މާލޭގައި ހިންގަމުން އަންނަ ކެފޭއެއްގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުން އައި 02 ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން ހޮނިހިރު ދުވަހުގެ ހަވީރު ވަނީ މާލޭގެ ހުންނަ ކެފޭއެއް ބަލައި ފާސްކޮށްފައެވެ.
އަދި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސް އިން މިދިޔަ މަހުގެ 31ވަނަ ދުވަހު މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީންވެސް ވަނީ ހައްޔަރުކޮށްފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކެނޑިނޭޅި މަސައްކައް ކުރަމުން އަންނަ އިރު ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން މިދިޔަ މަހުގެ 10ވަނަ ދުވަހު ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
އަދި މި އޮޕަރޭޝަނުން، އެ ތަންތަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރަމުން އަންނަ އިރު ޓާސްކް ފޯހުން ދާދީ ފަހުން ވަނީ ހުޅުމާލޭގައި ހުންނަ “ރަށު މާރުކޭޓު” ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގައި 37 ބިދޭސީންވެސް ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ޚިޔާލުތައް