ސިހުރު ހަދައިދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މި ޕޭޖުތައް ހިންގަމުންދަނީ މިއަހަރުގެ ޖޫން މަހުން ފެށިގެން ކަމަށްވެއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ޕޭޖުތަކުގައި ފާޅުގައި ސިހުރު ހަދާކަން އިސްތިހާރުކޮށް އެކަމަށް ބާރުއަޅާފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ސިހުރު ހެދުމަށް ހިތްވަރުދީ އަދި ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމު ކުރަމުންދާ ޕޭޖުތަކެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށެވެ.
ސިހުރު ހެދުމާ ގުޅުންހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީއަތާ ޚިލާފު ކަންކަން ކަމުން، އެފަދަ ޕޭޖުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ފުލުހުން ވަނީ މީގެ ކުރިންވެސް ސިހުރު ހަދާކަމުގެ ގިނަ މައްސަލަތަކެއް ތަހުގީގުކޮށް، އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައެވެ. އަދި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ ތަންތަން ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއްވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބާރަށުގައާއި ކުޅުދުއްފުށީގައިވެސް ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.
ޚިޔާލުތައް