A wide advertisement which will be shown on all devices. (700 x 100)

ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 88 މައްސަލައެއް މިދިޔަ ޖޫން މަހު ހުށަހަޅާފައިވޭ: އާއިލާއާ ބެހޭ ވުޒާރާ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް މިދިޔަ ޖޫން މަހު ހުށަހަޅާފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ޖޫން މަހު އެ ވުޒާރާއަށް ހުށަހެޅި، މައްސަލަތަކުގެ ތަފްސީލުތައް ހާމަކޮށްފައެވެ. އެގޮތުން ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 24 މައްސަލައެއްގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 88 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 27 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 21 މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 18 މައްސަލައެއް ވަނީ ޖޫން މަހު މި ވުޒާރާއަށް ހުށަހެޅިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 06 މައްސަލައެކެވެ.

މީގެއިތުރުން:

  • އިހުމާލުވުމުގެ 13 މައްސަލަ،
  • ނަފްސާނީ ހާނިއްކައިގެ 08 މައްސަލަ،
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 07 މައްސަލަ،
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 06 މައްސަލަ،
  • ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ،
  • ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ،
  • ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ،
  • އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ އަދި
  • ކުޑަކުދިންނަށް ޖިންސީ “ގްރޫމިންގް” ކުރުމުގެ 01 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ މައްސަލަތަކާއި ގުޅިގެން ޖޫން މަހު ވުޒާރާއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އަންހެން ކުދިންނާއި ގުޅުންހުރި މައްސަލައެވެ. އެގޮތުން، އަންހެން ކުދިންގެ 50 މައްސަލަ ހުށަހެޅިފައިވާއިރު، ފިރިހެން ކުދިންގެ 38 މައްސަލައެއް ހުށަހެޅިފައިވެއެވެ.

އެ ވުޒާރައިން ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަ ޖޫން މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލައާއި، ނަފްސާނީ އަނިޔާކުރުން އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ތެރޭގައި، މުދާ ހިފެހެއްޓުމާއި މުދަލައް ގެއްލުންދިނުމުގެ 2 މައްސަލައެއް ވެސް ހިމެނެއެވެ. އަދި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 05 މައްސަލައެއް ވެސް ވަނީ މިއަހަރު ޖޫން މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 33 މައްސަލައަކާއި ފިރިހެނުންނައި ގުޅޭ 02 މައްސަލައެކެވެ.

އަދި، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ އަށް މައްސަލަ އާއި ޖިންސީ އަނިޔާގެ ދެ މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ފަސް މައްސަލައާއި ރޭޕްގެ ދެ މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !