A wide advertisement which will be shown on all devices. (700 x 100)

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތައް ގުރުގައި ނުހިމަނައި، 75 މާކްސް ލިބުނު ބައެއް ފަރާތްތަކުގެ ގުރުއަތު ނަގައި 315 ފްލެޓް ދިން މައްސަލަ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށަހަޅައިފިއެވެ.

އެ ވުޒާރާއިން އޭސީސީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު އަދި އެ ވުޒާރާގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި ހިއްސާކުރުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ފްލެޓު އެލޮކޭޓްކޮށް ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ވުޒާރާއިން ކުރި އިއުލާނުގައި ބަޔާންކޮށްފައިވަނީ، އެ އިއުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވުމުން، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެންނެވުނު ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް ސިޓީގައިވެއެވެ.

ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީ އާއި ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބި އެފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށް އެ ވުޒަރާއިން ވިދާޅުވެއެވެ.

އަދި 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ އެގޮތުން 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 ފަރާތަށް ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާއިރު، 75 މާކްސް ލިބުނު 315 ފަރާތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އުސޫލާ ހިލާފަށް، 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ މަގްސަދުގައި ކަމަށް ގަބޫލުކުރެވޭތީ، މި މައްސަލަ ތަހްގީގްކޮށްދެއްވުމަށް އެ ވުޒާރާގެ ސިޓީގައި އޭސީސީއަށް ވަނީ އެދިފައެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފައެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !