އދ. ކުޑަރަށް ރިސޯޓުގެ ވޯޓާވިލާތަކުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 10:52 ހާއިރެވެ. މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ މާލެއިން އެ ރިސޯޓަށް ދިޔުމަށް މިއަދު ހެނދުނު 11:05 ހާއިރު ފުރާފައެވެ.
އެ ހާދިސާ ހިނގުމާ އެކު، އެ ރިސޯޓުގެ ފަޔަރ ޓީމުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި، އެ ރިސޯޓާ ކައިރީގައި އޮތް އދ.ވިލަމެންދޫ ރިސޯޓާއި ސަންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތަކުން ވަނީ ކުޑަރަށް ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، އދ. މާމިނގިލީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވެސް ވަނީ އދ. މާގިނގިލީ ޕޮލިސް ލޯންޗެއްގައި އެ ރިސޯޓަށް ގޮސްފައެވެ.
މި ހާދިސާގައި ރޯވި އަލިފާން، މިއަދު މެންދުރު 12:16 ހާއިރު އެއްކޮށް ނިއްވާލާފައި ވަނީ ރިސޯޓުތަކުގެ ފަޔަރ ޓީމުތަކުގެ އެހީތެރިކަމާ އެކުގައެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. ނަމަވެސް، އެ ރިސޯޓުގެ 5 ވޯޓާވިލާ ވަނީ އަނދައިގެން ގޮސްފައެވެ.
+1
+1
ޚިޔާލުތައް