ހައި ކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ކުރިމަތިލައްވައިފިއެވެ.
ހައި ކޯޓުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިހާރު ވަނީ އެ މަގާމަށް އައްޔަން ކުރައްވާފައެވެ. އަދި ފަނޑިޔާރުކަމުގެ ހުވާ ވެސް ވަނީ ކުރައްވާފައެވެ.
ގާޒީ އަބްދުﷲ ޖަމީލް މޫސާއާއެކު ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމި މުހައްމަދު ޝަހީދު ނަން އަނބުރާ ގެންދެވެމުން އިތުރު ބޭފުޅަކު ހޯދުމަށް އަލުން އޮތީ އިއުލާނުކޮށްފައެވެ. އިއުލާނުގައިވާގޮތުން ޖޭއެސްސީ އިން ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މާދަމާއެވެ.
ހައިކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެއް ނަމަވެސް، މިހާރު އެ ކޯޓުގައި ތިއްބެވީ 10 ފަނޑިޔާރުންނެވެ. ފަނޑިޔާރުކަމަށް ހުޅުވާލާފައިވާ މި މަގާމު ހުސްވީ، ކުރިން އެ މަގާމަށް އައްޔަންކުރެއްވުމަށް ނިންމެވި މުޙައްމަދު ޝަހީދު، އެ ނޮމިނޭޝަން އަނބުރާ ގެންދެވުމާ ގުޅިގެންނެވެ. މިގޮތުން، މި ހުސްވެފައިވާ މަގާމަށް ދިވެހިރާއްޖޭގެ ދަސްތޫރީ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. މީގެ އިތުރުން ލިވިންގް އެލަވެންސްގެ ގޮތުގައި މަހަކު 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3,300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރަންސާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވާނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ ޢުމުރުން 25 އަހަރުވެފައިވާ މީހަކަށްވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. ހަމައެހެންމެ، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހޭނެއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޒު ޢަބްދުﷲ ހަމީދާއި އަލްއުސްތާޒު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޚިޔާލުތައް