ހައްޖު ކޯޕަރޭޝަނަކީ ދިވެހި ރައްޔިތުންނަށް ހައްޖާއި އުމުރާ ހެޔޮއަގެއްގައި ހިދުމަތް ފޯރުކޮށްދެއްވާ މުއައްސަސާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ޒިޔާދު ކުރެއްވި ސުވާލުގަވަނީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔައީ ކިތައް މީހުންތޯ އަހާފައެވެ.
ޒިޔާދުގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖު ކިޔު ތަރުތީބުން 1446 ވަނަ އަހަރު ހައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، 850 ހައްޖުވެރިންނަށް، 1446 ވަނަ އަހަރުގެ ހައްޖު ކިއުގެ ތެރެއިން ހައްޖަށް ދިއުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ.
އަދި އުމުރުން 75 އަހަރުން މަތީގެ ފަރާތްތަކަކީ އެކަނިއުޅެން އުނދަގޫ ވާނެ ފަރާތްތަކަށްވާތީ، އެފަރާތްތަކަށް އެހީތެރިއަކާއި ނުލައި ދަތުރު ނުކުރެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ހައްޖު އަދި އުމްރާގެ ހިދުމަތް ދިނުމާބެހޭ އުސޫލުގެ ދަށުން ކިޔު އިން ފުރުސަތު ލިބުނު 75 އަހަރުން މަތީގެ 44 ފަރާތަށް އެހީތެރިން ގެންދިއުމުގެ ފުރުސަތުވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ހައްޖު ޖަމާއަތެއް ނޫންކަމަށާއި، އެއީ ހައްޖުގެއަޅުކަން ކުރެވޭނެ މަގު ލުއި ފަސޭހަކަމާއެކީ ހައްޖުގެއަޅުކަން އަދާކުރެވޭނެ އެންމެހާ ވަސީލަތްތަކާއެކީ ފޯރުކޮށްދޭ މުއައްސަސާ އެއް ކަމަށެވެ.
އަދި ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް އެ ދާއިރާއިން ދަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމަށެވެ. ހާއްސަ ކަމެއްގެގޮތުގައި ފާހަގަވެގެންދަނީ ރާއްޖޭގެ ރައްޔިތުންނަށް މައްކާ ރޫޓް ތައާރަފްކުރެވުމާއި ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުން ޖިއްދާ އެއާޕޯޓްގެ އެރައިވަލްގައި މަޑު ކުރަން ނުޖެހި ހޮޓަލަށް ދެވޭނޭ އިންތިޒާމްވެސް ހަމަޖެހިފައި އޮތުމުން ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ
ޚިޔާލުތައް